ވަކީލު ސިރާޖާއި މަހްފޫޒްގެ ފޯނު އަތުލައިފި
ވަކީލު ސިރާޖާއި މަހްފޫޒްގެ ފޯނު އަތުލައިފި

ގާނޫނީ ދެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހްފޫޒު ސައީދުގެ ފޯނު ފުލުހުން ރޭ ހިފަހައްޓައިފި އެވެ.

އެނގިފައިވާ ގޮތުގައި ދެ ވަކީލުންގެ ފޯނު އަތުލީ އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގައި ހައްޔަރު ކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، އަހުމަދު މަހުލޫފްގެ ވަކީލުންގެ ގޮތުގައި ސިރާޖާއި މަހުފޫޒް ފުލުހުންގެ މައި އިދާރާއަށް ވަޑައިގަތުމާއެކުގަ އެވެ.

އެ މީހުންގެ އަތުން ފޯނު އަތުލީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މަހްފޫޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފޯނު ހިފެހެއްޓީ އެކަމަކާ ގުޅޭ ގޮތުން ފުރިހަމަކުރަންޖެހޭ އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުކޮށް ކަމަށެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކަމަށް ވިދާޅުވި އެވެ.

މި ދެބޭފުޅުންނަކީ އެކި ކުށްތަކުގައި ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވެސް ވަކީލުންނެވެ.

މަހުލޫފު ހައްޔަރުކުރި އިރު ފުލުހުންގެ ދެ މީހަކު ވެސް ރޭ ހައްޔަރުކުރި އެވެ. އޭގެ ތެެރޭގައި އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރު ސައިފް ހުސައިން ހިމެނެ އެވެ.

ސިރާޖާއި މަހުލޫފްގެ ފޯނު އަތުލުމުން ބައެއް ވަކީލުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ވަކީލު ހިސާން ހުސެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ވަކީލުންނަށް ޖެއްސުންކޮށް ބިރު ދައްކަމުން އަންނަކަމަށް ވިދާޅުވެފަ އެވެ.

މި މަހުުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމައިފަ އެވެ. ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވާ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެ އެވެ. އެއީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގަ އެވެ.

އެކަމަކު މަޖިލީހުން އެ ގަރާރު ފާސްކުރީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަންކަން މަޖިލީހުގައި ގަވާއިދުގައި ބަޔާންކުރާ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ވާހަކަ ބަޔާން ކޮށްފައި ނެތުމުންނެވެ.