22 ފެބުރުއަރީ 2018 - 21:40

ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުންގެ މަޖިލީހުން އިތުރުކުރި މައްސަލައިގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ އިސް ވަކީލަކު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޭޖީ އަމަލުކުރައްވާ ގޮތުން، ނުރުހުންވެވަޑައިގެން އިސްތިއުފާ ދެއްވީ، އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަފީއާ ރިޒާ އެވެ.
ޝަފީއާ އިސްތިއުފާ ދެއްވިއިރު އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ވަކީލަކު ވެސް މިރޭ ވަނީ ކުއްލި ހާލަތުގެ އިއުލާންކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެފަ އެވެ. އެ އޮފީހުގެ އިސް ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާ ކުރެއްވި ޓްވީޓެއްގައިވަނީ ކުއްލި ހާލަތު އިއުލާންކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި އެހެންވެ ކުއްލި ހާލަތު އުވާލަން އެ ޓްވީޓްގައި އޭނާ ގޮވާލާފައިވެ އެވެ. މިއީ ކުއްލި ހާލަތާ ދެކޮޅަށް ދައުލަތުގެ ވަކީލަކު ސޯޝަލް މީޑިިއާގައި ޚިޔާލެއް ފާޅުކުރި ފުރަތަމަ ފަހަރެވެ.
މިހާރު ހިނގަމުންދާ ކަންކަމާ މެދު ހިތްހަމަނުޖެހިގެން އެޓާނީ ޖެނެރަލްގެ އޮޕީހުގެ މުވައްޒަފުންތަކެއް ދާދިފަހުން ޕެޓިޝަނެއް ވެސް ހަދަން އުޅުނެވެ. އެކަމަކު ވަކި ހިސާބަކުން އެކަން ވަނީ ހުއްޓާލައިފަ އެވެ.
މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް އިއުލާންކުރި ކުއްލި ހާލަތު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ ގަރާރުގެ މުއްދަތު އިތުރު 30 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު ކުއްލި ހާލަތު އިއުލާންކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އަދި އެ ގަރާރުގެ މުއްދަތު މަޖިލީހުން އިތުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ގާނޫނީ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.