16 ޖުލައި 2016 - 07:14

މެޑްރިޑް (ޖުލައި 16) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ފުރަތަމަ އެލް ކްލެސިކޯ މެޗު ކުޅޭނީ އަންނަ ޑިސެމްބަރު މަހުގަ އެވެ.
ސްޕެނިޝް ލީގުގެ ގުރުއަތުލުން އިއްޔެ ބޭއްވިއިރު ފުރަތަމަ އެލް ކްލަސިކޯ މެޗު އޮންނާނީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާ ބަންދުގައި ބާސެލޯނާގެ ސްޓޭޑިއަމުގަ އެވެ. އަދި ރެއާލް ދަނޑުގައި ކުޅޭ ކްލެސިކޯ މެޗު ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރިލް 23 ވަނަ ދުވަހަށެވެ.
އެންމެ ފަހުން ކުޅުނު އެލް ކްލެސިކޯ މެޗުން ބާސެލޯނާ ދަނޑުގައި ރެއާލް މޮޅުވީ 2-1 އިންނެވެ.
އަންނަ މަހުގެ 20 ވަނަ ދުވަހު ސްޕެނިޝް ލީގުގެ އާ ސީޒަން ފަށާޢިރު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ފުރަތަމަ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ. ރެއާލުން ކުޅޭނީ ރަށުން ބޭރުގައި ރެއާލް ސޮސެއިޑާޑާ އެކު އެވެ.
ލީގުގެ ފަހު މެޗުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި އެއިބާއާ ދެކޮޅަށް ކުޅޭއިރު، ރެއާލް ރަށުން ބޭރުގައި ނުކުންނާނީ މަލަގާއާ ދެކޮޅަށެވެ.
އެތުލެޓިކޯ މެޑްރިޑް ލީގުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅޭނީ އަލާވެސްއާ ދެކޮޅަށެވެ.