ދުނިޔޭގެ އެންމެ ބޮޑު ޓިއުމަރު އިންޑިއާ މީހެއްގެ ބޮލުން ނަގައިފި
ދުނިޔޭގެ އެންމެ ބޮޑު ޓިއުމަރު އިންޑިއާ މީހެއްގެ ބޮލުން ނަގައިފި

އުއްތަރަ ޕްރަދޭޝް (ފެބްރުއަރީ 22) - އިންޑިއާގެ ޑޮކްޓަރުން މީހެއްގެ ބޮލުން 1.8 ކިލޯގެ ޓިއުމަރެއް ނަގައިފި އެވެ.

ޑޮކްޓަރުން ލަފާ ކުރަނީ ހުޅަނގުގެ ސިޓީ މުމްބާއީގެ ނައިރް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނުގައި އުމުރުން 31 އަހަރުގެ މީހާގެ ބޮލުން ނަގާފައި ވަނީ ދުނިޔޭގައި މިހާތަނަށް ނެގި އެންމެ ބޮޑު ޓިއުމަރު ކަމަށެވެ. ހަތް ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަން ކޮށްފައި ވަނީ މި މަހު 14 ވަނަ ދުވަހު އެވެ. އެކަމަކު އޮޕަރޭޝަން ކާމިޔާބުވިކަން ޔަގީންވަން ދެން ޑޮކްޓަރުން އޮތީ އެ ޚަބަރު ސިއްރުކޮށްފަ އެވެ.

"މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން. ފުރާނަ އަށް ނުރައްކަލެއް ނެތް،" ހޮސްޕިޓަލުގެ ޗީފް ނިއުރޯސާޖަން ޑރ. ޓްރިމުތީ ނަދްކަރްނީ ވިދާޅުވި އެވެ.

އުތުރުގެ އުއްތަރަ ޕްރަދޭޝް އަށް އުފަން ސަންޓްލާލް ޕާލްގެ ބޮލަށް ވުރެ ބޮޑު ޓިއުމަރާ އެކު އޭނާ ދިރިއުޅޭތާ ތިން އަހަރުވެފައިވާ ކަމަށްވެ އެވެ. ޑޮކްޓަރުން ބުނީ ޓިއުމަރުގެ ސަބަބުން ޕާލްގެ ލޮލުގެ ފެނުން ވެސް ގެއްލިފައިވާ ކަމަށެވެ. އަދި ޓިއުމަރު ނެގުމަށް ފަހު އޭނާގެ ލޮލަށް އަލުން ފެނުމުގެ އުއްމީދު ބޮޑު ކަމަށް ޑޮކްޓަރުން ބުންޏެވެ.

ޕާލްގެ އަންހެނުން ހިންދޫ ނޫހަށް ބުނީ އުއްތަރަ ޕްރަދޭޝްގެ ތިން ހޮސްޕިޓަލަކަށް ދެއްކުމުން ވެސް ބުނެފައި ވަނީ އޮޕަރޭޝަން ކޮށްގެން އެ ބޮޑު ޓިއުމަރު ނުނެގޭނެ ކަމަށެވެ.

ޑރ. ނަދްކަރްނީ ވެސް ވިދާޅުވީ އެއީ ވަރަށް ނާޒުކް އޮޕަރޭޝަނެއް ކަމަށާއި އޮޕަރޭޝަނުގެ ތެރޭގައި ޕާލްގެ ހަށިގަނޑަށް 11 ޔުނިޓުގެ ލޭ އަޅަން ޖެހުނު ކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު ވެސް ދުވަސްކޮޅެއް ވަންދެން އޭނާ ވެންޓިލޭޓަރުގައި ބާއްވަން ޖެހުނު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.