ކާންޓޭ ޗެލްސީ އަށް ބަދަލުވާން އެއްބަސްވެއްޖެ
ކާންޓޭ ޗެލްސީ އަށް ބަދަލުވާން އެއްބަސްވެއްޖެ

ލަންޑަން (ޖުލައި 16) - ލެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ޗެލްސީ އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލެސްޓާ އިން އިތުރު ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހަޅާފައިވަނިކޮށް ކާންޓޭ ޗެލްސީއާ ގުޅެން ނިންމީ 32 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޗެލްސީއާ އެކު އުމުރުން 25 އަހަރުގެ ކާންޓޭ ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފަ އެވެ.

ލެސްޓާގެ ތާރީހުގައި އެ ޓީމުން ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދިއިރު ކާންޓޭ ވަނީ ލީގުގެ 37 މެޗުގައި އެ ޓީމަށް ކުޅެފަ އެވެ. އަދި މި ފަހަރުގެ ޔޫރޯގައި ފްރާންސް ޓީމަށް ވެސް ކާންޓޭ މޮޅު ކުޅުމެއް ދެއްކި އެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކާންޓޭ ޗެލްސީގެ މެޑިކަލްގައި ބައިވެރިވެ އެ ޓީމުގެ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ. ޗެލްސީން ވަނީ މާސޭ އަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެ ޓީމަށް ގެެނެސްފަ އެވެ.

ކާންޓޭ އަކީ ފްރާންސްގެ ކާއެން އިން އަށް މިލިއަން ޕައުންޑަށް މިދިޔަ ސީޒަނުގައި ލެސްޓާ އިން ގެނައި ކުޅުންތެރިއެކެވެ. ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ވަނީ އޭނާ ވިއްކަން ބޭނުންނުވާ ކަމަށާއި ނަމަވެސް ކްލަބް ދޫކޮށްލަން އޭނާ އެދެފިނަމަ އެ ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.