މެމްބަރުންގެ ގޮނޑީގެ މައްސަލަ އަނބުރާ ގެންނަން ގޮވާލައިފި
މެމްބަރުންގެ ގޮނޑީގެ މައްސަލަ އަނބުރާ ގެންނަން ގޮވާލައިފި

މި މަހުގެ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލްކުރުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެ ކޯޓަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންނަން އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލައިފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ، ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރުން ވެސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ސާފުވާ ކަމަށެވެ. އެ މެމްބަރުންނަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ސައްހަ މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހު 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ޕާޓި ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން މިިދިޔަ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅާފައި އޮތަސް، އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.

ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލައިގެ ޝަރީއަތް އަންނަ އަންގާރަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.

ސައުދު ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ސަބަބުތައް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން އެފަދަ އެއްވެސް ސަބަބެއް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބަންޑާރަ ނައިބު ފަރާތުން އެދެނީ، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި، މަޖިލިސް ކޮށައި ކުދި ކޮށްލައި ބަޔަކު މީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ފުރުސަތު ނުދެއްވާށޭ. އެކެއް ފެބްރުއަރީގެ އަމުރުން ވަރަށް ސާފު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން. އަދި އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ކަނޑައެޅިއެއް ކަމަކު، ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބޔާންކޮށްފައި އެބަ އޮތް މަޖިލީހުގެ ގޮނޑި ގެއްލޭނެކަން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ރާއްޖެ ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ.

ސައުދު ވަނީ ރައީސް ޔާމީން ރޭ އިއްވެވި ރިޔާސީ ބަޔާނަށް ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރިޔާސީ ބަޔާނަކީ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަަތު ބަޔާންކޮށް އިއްވާ އެއްޗެއް ކަމަށް ވިއަސް، ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އެއްވެސް ކަމެއް ރައީސް ފާހަގަކޮށްފައިނުވާ ކަމަށެވެ.

"ރައީސަށް ރޭގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ ހާލަތު ބަޔާނެއް ނުކޮށްދެވުނު. ސްޓޭޓް އޮފް އިމަޖެންސީ އަކީ މިހާރު އޮތް އެއްޗެއްކަން އަޅުގަނޑުމެން ގަބޫލެެއް ނުކުރަން. އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ވިދާޅެއް ނުވެވުނު ގައުމުގެ ހާލަތު މިހާރު މި އޮތީ ސްޓޭޓް އޮފް އެމަޖެންސީއެއްގެ ތެރޭގައި ކަން،" ސައުދު ވިދާޅުވި އެވެ.