22 ފެބުރުއަރީ 2018 - 16:50

ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނާއި ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާއްވަން ނިންމާފައިވާ އިންތިހާބާ ގުޅޭގޮތުން އީސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ގާނޫނުގައިވާ ގޮތުގެ މަތިން، އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. އެކަމަށް، އެ ކޮމިޝަނުން މަަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިއާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.
ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.
އިލެކްޝަނުން ބުނިގޮތުގައި ލޯކަލް ކައުންސިލް އިންތިހާބެކޭ އެއްގޮތަށް، ރިޔާސީ އިންތިހާބު ވެސް މިނިވަންވާނެ އެވެ. ލޯކަލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ބޭރުގެ ފަރާތްތަކުން ގަބޫލުކޮށްފައިވާ ކަން ވެސް އިލެކްޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އިންތިހާބުގައި އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން ބައިނަލްއަގުވާމީ ފަރާތްތަކަކާ އެކު މަސައްކަތް ކުރަމުންދާނޭ ކަމަށާއި ޚާއްސަ ގޮތެއްގައި ދައުލަތާ އެކު އިންތިޚާބުގެ ގާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށް ފަހު ޔޫރަޕިއަން ޔޫނިއަނުން ދެއްވާފައިވާ ހުށަހެޅުންތައް ތަންފީޒުކުރަމުން ގެންދާ ވާހަކަ ވެސް ދަންނަވަމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.
އިންތިހާބު މިނިވަންވާނެ ކަަމަށް އިލެކްޝަނުން ބުނެފައި މިވަނީ، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންތިހާބު ބާއްވަން ޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. އަދި ޕާޓީތަކުން އިންތިހާބުގައި ވާދަކުރަނީ ވަކިވަކިންތޯ ނުވަތަ ނެރޭނީ ކޯލިޝަން ކެންޑިޑޭޓެއްތޯ ވެސް އަދި ނުނިންމަ އެވެ.