22 ފެބުރުއަރީ 2018 - 16:17

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސެއިން ޝަމީމް މިއަދުން ފެށިގެން ސަސްޕެންޑު ކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ޝަމީމް ސަސްޕެންޑުކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ޝަމީމްގެ މައްސަލާގައި ފުލުހުން ވަކި ގޮތެއް ނިންމައި، ސުޕްރީމް ކޯޓަށް އަންގަންދެން އޭނާ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ޝަމީމް ވަނީ، ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގައި ހޯދާފައިވާ ހެއްކާ ބެހޭ ގޮތުން، ނިއުސް ކޮންފަރެންސެއްގައި ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތަށް ސުވާލުކޮށް ބަޔާން ނެގުމަށް މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
ޝަމީމަކީ މީގެ ކުރިން، ދެ އަހަރު ވަންދެން ވަކީލުން ކަމުން ސަސްޕެންޑް ކޮށްފައިވާ ބޭފުޅެކެވެ. އޭނާގެ ސަސްޕެންޝަން އުވާލީ މިދިޔަ ޖެނުއަރީ 16ގަ އެވެ.