ހެލްތުގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ޖޭޕީ އަށް ސޮއިކުރައްވައިފި
ހެލްތުގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ޖޭޕީ އަށް ސޮއިކުރައްވައިފި

ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ޖުމްހޫރީ ޕާޓީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

ހުސެއިން ރަޝީދުގެ އިތުރުން، އެމްޕީއެލްގެ ކުރީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހުސެއިން އަހުމަދު ވެސް މިއަދު ޖޭޕީ އަށް ސޮއިކުރެއްވި އެވެ.

އެ ދެ ބޭފުޅުން ޖޭޕީ އަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ މަސައްކަތް ޖޭޕީން ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކާއެކު ކުރާ މަސައްކަތުން ރައީސް އަބްދުﷲ ޔާމީން "ލަދުގަންނަވަރުގެ" ބައްޔަކުން ބަލި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ބަލާލިނަމަވެސް، ފެންނަނީ ރައީސް ޔާމީނަށް އޮތް ތާއީދު ކުޑަވާ ތަނެވެ. އެގޮތުން ތ. އަތޮޅުން ރައީސް ޔާމީނަށް ކުރާ ތާއީދު ވަރަށް ބޮޑު ތަން ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެއީ ކުރިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއެކު މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

"އެ ބޭފުޅުން ގަބޫލެއް ނުކުރައްވާނެ މި ގައުމުގައި ހިނގަމުންދާ ކަންކަމެއް. އެބޭފުޅުންނަށް ތާއީދުކުރާ މީހުންނެއް ވެސް ގަބޫލެއް ނުކުރާނެ ރައީސް ޔާމީންގެ އަނިޔާވެރިކަން. ތިރީސް އަހަރު ހިދުމަތް ކުރެއްވި ކުރެއްވި ރައީސަކު މިވަނީ ޖަލުގައި. ރައީސް މައުމޫނަކީ މި ގައުމަށް ވަރަށް ހިދުމަތް ކުރެއްވި ބޭފުޅެއް. އެމަނިކުފާނަށް އެކަށީގެންވާ ތާއީދެއް ތ. އަތޮޅުގައި އެބައޮތް،" ރިޔާޒް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހުސެން ރަޝީދު ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގައި ސިޔާސީ ކުރިމަގު އޮތް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަދި ޖޭޕީގައި ހަރުދަނާ، ތައުލީމީ ޒުވާނުން ގުޅި ޕާޓީ އިތުރަށް ހަރުދަނާވުމަކީ އިސްލާހީ ހަރަކާތް ހިންގުމަށް ލިބޭ ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނު ނެގެހެއްޓުމުގައި ފެއިލްވެފައިވާއިރު، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މައުމޫނާއި ގާސިމަށް އެއްވެސް ކުށަކާ ނުލައި ހުކުމް ކުރެވިފައިވާ ކަމަށް ވިދާޅުވެ، އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރިޝްވަތު ދެއްވުމާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރަން ރޭވިކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރުކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ.