16 ޖުލައި 2016 - 07:21

ލިވަޕޫލް (ޖުލައި 16) - ފުޓްބޯޅައިގައި ކާމިޔާބު ހޯދަން ބޭނުންވަނީ މޮޅު ނަންތަކެއް ނޫން ކަމަށާއި ރަނގަޅު ރޭވުންތަކަކާ އެކު ފުރިހަމަ ތައްޔާރީތަކެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
މި ފަހަރުގެ ސީޒަނަށް ލިވަޕޫލުން ތައްޔާރުވަމުން އަންނައިރު އެ ޓީމަށް މަޝްހޫރު ގިނަ ކުޅުންތެރިން ގެންނަން އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް ކްލޮޕް ބުނީ ލީގުގެ މަތީ މަގާމަކަށް ވާދަކުރަން ބޭނުންވަނީ މަޝްހޫރު ނަންތަކެއް ނޫން ކަމަށެވެ.
"މިއީ ހަމައެކަނި ކުޅުންތެރިންނަށް ވިސްނައިގެން ވާނެ ކަމެއް ނޫން. ޓީމަށް ފައިދާ ހުރި ކުޅުންތެރިން ގެނެސްގެން ވާނެ ކަމެއް. ބައެއް ކްލަބްތަކުން ގިނަ ކުޅުންތެރިން ގެނެސްފި. އެކަމަކު އެއީ އަހަރެން ވިސްނާ ކަމެއް ނޫން. އެއީ މިދިޔަ ސީޒަނުގެ ބައެއް މެޗުތަކުގައި މި ޓީމުގެ ފަރާތުން އަހަރެން ބޭނުންވި ކުޅުން ފެނުނު. ބޭނުމީ މި އަހަރު އެ ކުޅުން ތަކުރާރު ކުރަން،" ކްލޮޕް ބުންޏެވެ.
މިދިޔަ ސީޒަނުގެ އޮކްޓޫބަރު މަހު ލިވަޕޫލްގެ ކޯޗުކަމާ ކޮލްޕް ހަވާލުވި ފަހުން އެ ޓީމު ވަނީ ދެ މުބާރާތެއްގެ ފައިނަލު ކުޅެފަ އެވެ. ލީގު ކަޕް ފައިނަލްގައި ބަލިވީ މެންޗެސްޓާ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އަދި ޔޫރޮޕާ ލީގުގެ ފައިނަލުން ސެވިއްޔާ އަތުން ވެސް ވީ ބައްޔެވެ.
ކްލޮޕް ބުނީ މިފަހަރުގެ ޔޫރޯގައި އާދައިގެ ޓީމުތަކުގެ ފަރާތުން ފެނުނު ކުޅުން ލިވަޕޫލަށް ވެސް މި ސީޒަނުގައި ތަކުރާރު ކުރެވިދާނެ ކަމަށެވެ.
"އައިސްލެންޑާއި ވޭލްސް އަދި ޕޯޗުގަލްގެ ޓީމުތަކާ އަޅާކިޔާއިރު މާ މޮޅެތި ކުޅުންތެރިން ތިބި ޓީމުތަކެއް މުބާރާތް ނިންމާލަން ޖެހުނު. މިކަމުން ވެސް އެނގޭ ފުޓްބޯޅައިގައި ކުރިއަށްދާން ބޭނުންވަނީ ޓީމެއްގެ ގޮތުގުގައި މަސައްކަތް ކުރުން ކަން،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ބުންޏެވެ.
ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން މިހާތަނަށް ވަނީ ފަސް ކުޅުންތެރިއަކު އެ ޓީމަށް ގެނެސްފަ އެވެ. އެއީ ސްޓީވަން ކޯލްކާ، ޔޮއެލް ޕަޓިޕް، ލޮރިސް ކާރިއަސް، މާކޯ ގްރުޔިކް އަދި ސަޑިއޯ މާނޭ އެވެ. އޭނާ ބުނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިތުރު ކުޅުންތެރިން އެ ކްލަބާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.