ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގެސްޓްހައުސް އެސޯސިއޭޝަނުން ގޮވާލައިފި
ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގެސްޓްހައުސް އެސޯސިއޭޝަނުން ގޮވާލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާތީ، އެ ހާލަތު އުވާލައި، އެކަަން ބޭރުގެ ގައުމުތަކަށް ވީހާވެސް އަވަހަކަށް އަންގަން ގެސްޓްހައުސް އެސޯސިއޭޝަން އިން މިއަދު ގޮވާލައިފި އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް އިންތިހާ އަށް ނޭދެވޭ އަސަރު ކުރަމުން ދާ ކަމަށެވެ. އެހެންކަމުން އެ ހާލަތު އުވާލާ، އެކަމުން ރާއްޖެ އަރައިގަނެފައިވާކަން ބޭރު ގައުމުތަކަށް ކަށަވަރު ކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

"ފެށިގެން މިދަނީ ޗައިނީސް އާ އަހަރުގެ ބަންދަށް ވާއިރު، ރާއްޖެ އަށް މި ސީޒަނުގައި އާދަޔާ ހިލާފަށް ގިނައިން ޗައިނީސް ފަތުރުވެރިން އައުމަށް ބުކިން ހަދާފައިވާއިރު، ޗައިނާއިން ރާއްޖެއަށް އެއްވެސް ވަރަކަށް ފަތުރުވެރިން ނުދިޔުމަށް އަންގާފައިވާތީ، މިއީ ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެން ދާނޭ އެންމެ ބޮޑު ގެއްލުން ކަމުގައި ދެކެމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުންތައް ބޮޑުކަމުން، ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން "އާދޭހާ އެކީ މިނިސްޓްރީ އޮފް ފިނޭންސާއި ހިއްސާކޮށް" ފައިވާ ކަމަށެވެ. އަދި ގެއްލުންތައް ފޫބެއްދުމަށްޓަކައި "ތިން ގުނައަށް، މާކެޓިން އަށް މަސައްކަތް ކޮށް ދިނުމަށް" އިންޑަސްޓްރީގެ ކަމާ ގުޅޭ ފަރާތްތަކުން ސަރުކާރުގައި އެދިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ނަމަވެސް ބަޔާނުގައި ބުނެފައިވާ ގޮތުގައި "އެފަދަ މަސައްކަތެއް ކުރަމުންދާކަން އެނގިފައެއް ނުވެ" އެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ބައެއް ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުން މުޅިން ހުއްޓާލަން އަންގާފައި ނުވަނީ، ރާއްޖޭގެ ފަތުރުވެރިކަމަކީ ދިވެހި އެތައް އާއިލާތަކެއްގެ ދިރިއުޅުމާ ގުޅިފައިވާ މަސައްކަތަކަށް ވާތީ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް އެފަދަ ބޮޑު ގެއްލުމެއް ދޭން އެ ގައުމުތަކުން ބޭނުންނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރާއްޖެ އަށް ޒިޔާރަތް ކުރުމުގައި ސަމާލުވާން އެދި ޓްރެވަލް އެޑްވައިޒަރީ ނެރުނު ގައުމުތަކުގެ ތެރޭގައި، ޗައިނާ، އިންޑިޔާ، އިނގިރޭސީ ވިލާތް، ރަޝިޔާ، އެމެރިކާ، ކެނަޑާ، ޖަޕާން، އޮސްޓްރޭލިޔާ، ނިވްޒިލަންޑް، އައެލަންޑް، ސިންގަޕޫރު، ފްރާންސް، ޔޫއޭއީ އަދި ޖަރުމަން ހިމެނެ އެވެ.

ޓްރެވަލް އެޑްވައިޒަރީތައް ނެރުމުން ޓޫރިސްޓް ބުކިންތައް ކެންސަލް ކުރުން އިތުރުވެ، މިލިއަން ޑޮލަރުގެ ގެއްލުން ވަމުން ދާ ކަމަށް ޓޫރިޒަމް ދާއިރާގެ މީހުން ބުނެ އެވެ.