ސައިރިކްސް ކޮލެޖުން އާ މާސްޓާސް ކޯހެއް ތައާރަފުކޮށްފި
ސައިރިކްސް ކޮލެޖުން އާ މާސްޓާސް ކޯހެއް ތައާރަފުކޮށްފި

ސައިރިކްސް ކޮލެޖުން، މާސްޓާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ކޯހެއް މިއަދު ތައާރަފުކޮށްފި އެވެ.

ސައިރިކްސް ކޮލެޖުން އާ މާސްޓާސް ކޯހެއް ތައާރަފުކޮށްފި
ސައިރިކްސް ކޮލެޖުން އާ މާސްޓާސް ކޯހެއް ތައާރަފުކޮށްފި

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޯސް ތައާރަފުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމެވެ.

އެއް އަހަރު ދުވަހުގެ އެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކޯސް ތައާރަފު ކޮށްދެއްވުމަށް ފަހު ޝަމީމް ވިދާޅުވީ އެ ކޯހުގައި ކިޔަވާ ކޮންމެ ދަރިވަރަކު ވެސް ނަޒާހަތްތެރިކަމާއި ތެދުވެރިކަން އިސްކޮށް މަސައްކަތް ކުރަން ވިސްނަންޖެހޭނެ ކަމަށެވެ. އެއީ ކާމިޔާބު މީހަކަށް ވުމުގެ އެންމެ މުހިއްމު ދެ ސިފަ ކަން ޝަމީމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހަކު އެފަދަ ސަނަދެެއް ހާސިލްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކޮށްފައިވާއިރު، ސަނަދު ހާސިލްކޮށްފައިވާ މުވައްޒަފުންނަށް، ޓެކްނިކަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 28 ޕަސެންޓު ހަމަޖައްސާފައިވާ ކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

"ސިވިލް ސާވިސް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މި ދާއިރާއިން ދަރިވަރުން ދިރާސާތައް ކޮށް އެ ހޯދުންތައް ސިވިލް ސާވިސް އާއި ހިއްސާ ކުރުމަކީ ވެސް މުހިއްމު ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ސައިރިކްސް ކޮލެޖުން ވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ކޯހުގައި ކިޔެވުމަށް ދަރިވަރުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިފަ އެވެ. އެގޮތުން ހޮނިހިރު ދުވަހު ފުލް ޑޭ ލެކްޗާގެ ގޮތުގައި އަދި ރަސްމީ ދުވަސްތަކުގައި ނަމަ ހަފުތާގެ ތިން ދުވަހު، ހަވީރު 5ގެ ފަހުން ކްލާސްތައް އޮންނާނެ އެވެ.

މީގެ 24 އަހަރު ކުރިން ވުޖޫދުވި ސައިރިކްސް ކޮލެޖުން ކިޔެވި އެތައް ދަރިވަރުންނެއް އަންނަނީ ރާއްޖެ އާއި ބޭރުގައި ވެސް މަސައްކަތް ކުރަމުންނެވެ. އެ ކޮލެޖުގެ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށް، އަދި ރާއްޖޭން ބޭރުގެ ޔުނިވާސިޓީތައް ވެސް ބަލައިގަންނަ ފެންވަރުގެ ކޯސްތަކެކެވެ.