22 ފެބުރުއަރީ 2018 - 13:55

ތަފާތު ކުށްތަކުގައި، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމައި މާދަމާ އިން ފެށިގެން އެމީހުން މަސައްކަތަށް ނެރުމަށް ނިންމައިފި އެވެ.

ހުޅުމާލޭ ސްޓެލްކޯ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިއާން ވަނީ ސޮއި ކުރައްވާފަ އެވެ.
ޒުހޫރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މަސައްކަތުގައި ގެންގުޅޭ ބިދޭސީންގެ އަދަދު މަދު ކުރެވޭނެ ކަމަށެވެ. އަދި ގައިދީން މަސައްކަތް ކުރާނީ ކޮންޓްރެކްޓް އުސޫލުން، މަސައްކަތް ކުރާ ދުވަހަކަށް ކޮންމެ ގައިދީއަކަށް 100-150ރ.ގެ އެލަވަންސެއް ލިބޭނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
"މިބުނި ރޭޓުގެ ތެރެއިން އަގު ކަނޑައެޅޭނީ އެ ދުވަހެއްގަ ކުރާ މަސައްކަތަކަށް ބެލުމަށް ފަހު... އެ މީހުން މަސައްކަތް ކުރާނީ ސައިޓްތަކުގައި. އެ ވެދާނެ މަގު ކޮންނަން ކަމަށް ވެސް ނުވަތަ ސަބް ސްޓޭޝަނެއްގައި ކަމަށް ވެސް،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރެކްޝަންސްއާ އެކު މިއަދު ސޮއި ކުރެވުނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން 30 ގައިދީއަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށާއި، އަމާޒަކީ ކުރިމަގުގައި އިތުރު ގައިދީންނަށް ފުރުސަތު ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.
ގައިދީން އެއް އަހަރުގެ މަސައްކަތް ނިންމުމުން ސެޓްފިކެޓެއް ދޭނެ ކަމަށާއި، އޭގެ ސަބަބުން ޖަލުން މިނިވަން ވެގެން ވަޒީފާ ހޯދުމަށް އިތުރު ފަސޭހައަކަށް ވާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
ޝިއާން ވިދާޅުވީ މަސައްކަތަށް ނެރޭ ގައިދީންނަކީ "ބަސްއަހާ" ގައިދީން ކަމަށެވެ. އަދި މަސައްކަތަށް ނެރޭ ގައިދީންގެ ފަރާތުން މުޖުތަމައަށް ނުވަތަ މަސައްކަތު މާހައުލަށް ވެސް އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށާއި އެ މީހުން މަސައްކަތް ކުރާ އިރު، ކަރެކްޝަންސްގެ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ވެސް މަސައްކަތް ނިންމުނީމަ ގެންދާނީ ހުޅުމާލޭ ޖަލަށް... އަޅުގަނޑުމެން ސިނާއީ މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ކޮމާޝަލް ކޮމްޕޯނެންޓްގެ ތެރެއިން. [ދުވަހު މުސާރަ އަށް ކަނޑައެޅިފައިވާ ރޭޓުގެ ތެރޭގައި] ޓްރާންސްޕޮޓޭޝަން އާއި ޕްރޮޓެކްޝަންގެ ބައިތަކާ މި ހުރިހާ ހަރަދުތަކެއް މޮނީޓާކޮށް، މެއިންޓެއިންކޮށް ބަލަހައްޓާނީ އަޅުގަނޑުމެންގެ ކޯޕަރޭޓިވް ސޮސައިޓީން،" ޝިއާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައިދީން މަސައްކަތް ކޮށްގެން ލިބޭ ފައިސާ ވެސް ބަލަހައްޓާނީ ކޯޕަރޭޓިވް ސޮސައިޓީން ކަމަށެވެ. ގައިދީންނަށް އެލަވަންސް ކަނޑައެޅޭނީ މިކަމާ ގުޅިގެން ހިނގާ ހަރަދުތައް ކެނޑުމަށް ފަހު އެވެ.
ޝިއާން ވިދާޅުވީ މިހާރު ވެސް ގައިދީން ތިލަފުށީގައި ސިނާއީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަނީ ބަންދު ކޮށްފައިވާ ސަރަހައްދެއްގަ އެވެ. އެހެންކަމުން ސްޓެލްކޯގައި މަސައްކަތް ކުރާ ގައިދީން ވާނީ މިނިވަން މާހަލުއެއްގައި މަސައްކަތް ކުރާ ފުރަތަމަ ގައިދީންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.