މާބަނޑުއިރު ޖަހާ ވެކްސިން ކުދިންނަށް ރައްކާތެރި
މާބަނޑުއިރު ޖަހާ ވެކްސިން ކުދިންނަށް ރައްކާތެރި

މާބަނޑު ދުވަސްވަރު އިންފްލުއެންޒާ އާއި އެނޫން ވެސް ވެކްސިންތައް ޖަހާފައިވާ ނަމަ ބަނޑުގައި އޮންނަ ދަރިފުޅު އުފަން ވުމަށް ފަހު އެކުދިންނަށް މިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކަން ސައިންސްވެރިންގެ ހޯދަމަކުން ހާމަވެއްޖެ އެވެ. އަދި މާބަނޑުމީހާގެ ގަޔަށް ޖަހާ ވެކްސިނަކުން، ބަނޑުގައި އޮންނަ ކުއްޖާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ނުފޯރާނެ ކަމަށް ވެސް މި ހޯދުމުގައި ބުނެފައިވެ އެވެ.

އިންފްލުއެންޒާ އާއި ވޫޕިން ކޯފް ނުވަތަ ހޯއްގޮވާ ކެއްސުމަކީ ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ބަލި ބައްޔެވެ. އަދި ތުއްތު ކުދިންނަށް މީގެ އިންފެކްޝަނެއް ޖެހިއްޖެ ނަމަ ބޮޑުވަރުވެ ނިއުމޯނިއާ ފަދަ މައްސަލަތަކާ ކުރިމަތިވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހެ އެވެ.

ވަރަށް ގިނަ ގައުމުތަކުގެ ހެލްތު އޮފިޝަލުން ބާރުއަޅަނީ މާބަނޑު ދުވަސްވަރު އިންފްލުއެންޒާ އާއި ހޯއްގޮވާ ކެއްސުމުން ދިފާއުވުމަށް ވެކްސިން ޖެހުމަށެވެ. އޭރުން ބަނޑުގައި އޮންނަ ދަރިފުޅު މި ބަލިތަކުން ދިފާއު ވެވޭނެ ކަމަށެވެ. ނަމަވެސް ގިނަ ދުވަހުން ނަމަވެސް މީގެ ރައްކާތެރިކަން ހުންނާނެ ގޮތަކާ ބެހޭ މާ ބޮޑު ތަފްސީލެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

މި ފަހަރުގެ ހޯދުމުގައި ސައިންސްވެރިން ވަނީ 2004 އާއި 2014 އާ ދެމެދުގެ އުފަންވި 413،035 ކުދިންގެ މައުލޫމާތު އެއްކޮށް މިމައުލޫމާތުތައް ދިރާސާކޮށްފަ އެވެ. މީގެ ތެރެއިން 25،222 ކުދިންނަކީ ވަރަށް ތުއްތު ކުދިންނެވެ. މިއީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ކުދިންނަށް ވާއިރު މީގެ ތެރެއިން 157 ކުއްޖަކު ވަނީ އުމުރުން ހަ މަސް ފުރުމުގެ ކުރިން މަރުވެފަ އެވެ.

"އަހަރެމެން މި ދިރާސާކުރަން ގަސްތުކުރި މަގްސަދަކީ މާބަނޑު ދުވަސްވަރު ވެކްސިން ޖެހުމުން، ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުމެއް ލިބިދާނެކަމަށް ހިތާ ބައެއް މީހުން ކަންބޮޑުވެގެން އުޅޭތީ،" އެމެރިކާގެ އެޓްލާންޓާގެ ޔޫ.އެސް. ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގައި މަސައްކަތް ކުރައްވާ ޑރ. ލަކްޝްމީ ސުކުމާރަން ވިދާޅުވި އެވެ. ޑރ. ލަކްޝްމީ އަކީ މި ދިރާސާގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިޔާ އެވެ.

"މާބަނޑުއިރު ޖެހުމަށް އިރުޝާދު ދޭ ހުރިހާ ވެކްސިނަކީ ވެސް ބަނޑުގައިވާ ތުއްތު ދަރިފުޅަށް އެއްވެސް ކަހަލަ ނުރައްކަލެއް ދިމާވާނެ އެއްޗެއް ނޫންކަން ޔަގީންކޮށްދޭން އަހަރެމެން ބޭނުންވީ،" ޑރ. ލަކްޝްމީ ވިދާޅުވި އެވެ.

އިންފްލުއެންޒާ އާއި ހޯއްގޮވާ ކެއްސުުމަކީ ތުއްތު ކުދިންނަށް ޖެހިއްޖެ ނަމަ ވަރަށް ބޮޑުވަރުވާ ބަލިތަކެވެ. އަދި ތުއްތު ކުދިންނަށް މީގެ ވެކްސިން ވެސް އެހާ އަވަހަކަށް ނުދެވެ އެވެ. މާބަނޑުއިރު ވެކްސިން ޖެހުމުން، ބަނޑުގައި އޮންނަ ދަރިފުޅަށް މި ބަލިތަކުން ދިފާއުވުމުގެ ބާރު ކޮންމެވެސް ވަރަކަށް ލިބެ އެވެ. އަދި އެންމެ ޅަފަތުގެ ދުވަސްތަކުގައި އެކުދިންނަށް މި ވެކްސިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެ އެވެ.