24 ފެބުރުއަރީ 2018 - 07:33

މި ހޮޓެލް ޗެއިންގައި ހިމެނޭ ހޮޓަލެއްގައި ތިބޭ ދުވަސްވަރު އެއްގޮތަކަށް ވެސް ފޯނު ބޭނުން ނުކުރާ އާއިލާތަކަށް އިތުރު ޑިސްކައުންޓްތައް ލިބެ އެވެ. ބޭނުމެއް ކަމަށް ވަނީ ޗުއްޓީ ހޭދަކުރާ ދުވަސްތަކުގައި 'ފޯނުގެ ވިހަ" އިން ވެސް ސަލާމަތް ވުމެވެ.
އެމެރިކާގެ ވިންދާމް ގްރޭންޑް ހޮޓެލްސް އިން މިގޮތަށް ޑިސްކައުންޓް ދޭން ނިންމީ މާ ގިނަ ވަގުތު ފޯނުގައި ހޭދަ ކުރުމަކީ އާއިލާއާ އެކު ކޮލިޓީ ރަނގަޅު ވަގުތުތަކެއް ހޭދަކުރަން އެޅޭ ހުރަހެއް ކަމަށް ބުނެފަ އެވެ.
ޔޫއެސް ޗެއިންގެ ވެބްސައިޓްގައިވާ ގޮތުން މިއީ ފޯނު ބޭނުން ނުކޮށް އާއިލާއާ ގުޅުން ބަދަހިކުރަން ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ މީހުން އެ ހޮޓަލަށް އައުމާއެކު ޓައިމަރަކާއި ތަޅެއް ހަރުކޮށްފައިވާ ފޮއްޓެއް އެ މީހުންނާ ހަވާލުކުރާނެ އެވެ. އަދި އެމީހުންގެ ފޯނުތައް އެ ފޮއްޓަށް ލާފައި ތަޅުލާފައި ޓައިމަރު ޖައްސަނީ އެވެ. ފޮށި އަލުން ހުޅުވޭނީ ޓައިމަރުގައިވާ ގަޑި ހަމަ ވުމުންނެވެ.
މި ޕްރޮގްރާމް ކުރިޔަށް ދާނީ ފެބްރުއަރީ 23 އިން ސެޕްޓެމްބަރު 23 އަށެވެ.