14 އެޕްރީލް 2018 - 08:46

މިދިޔަ އަހަރު ދިވެހި ފުޓްބޯޅަ އަށް ލިބިގެންދިޔަ އެންމެ ބޮޑު އުފާވެރި ކަމަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ފުޓްބޯޅަ ކްލަބްތަށް ކޮޅަށް ޖެހުމަށް މަސައްކަތް ފެށުމެވެ. ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމެއްގެ ނަމުގައި ފުޓްބޯޅަ ކްލަބްތަކަށް އެހީތެރިވުމުގެ ބޮޑު މަސައްކަތެއް ފެށި އެވެ. މި އެއްބަސްވުމުގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދުކުރެ އެވެ. އެސްއޯއީގެ ގަވައިދު ބުނާގޮތުން ކޮންމެ ކްލަބަކުން ވެސް ފުޓްބޯޅަ ނޫން އެހެން ކުޅިވަރެއްގައި ކޮންމެވެސް ސިފައެއްގައި ޝާމިލުވާން ޖެހެ އެވެ. އެހެން ނަމަވެސް މީގެން އެހެން ކުޅިވަރުތަކަށް އެކަށީގެންވާ މަންފާއެއް ކުރޭތޯ އެއީ އުފެދޭ އެއް ސުވާލެވެ.
މިދިޔަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އެސްއޯއީ ޕްރޮގްރާމާ އެކު ކްލަބްތަކުން ތަހައްމަލު ކުރަމުންދިޔަ އުނދަގޫތަކާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. ގިނަ ކްލަބްތަކުން ވެސް ދުށީ އެގޮތަށެވެ. ސަރުކާރާއި އެފްއޭއެމްގެ މި ވިސްނުމަށް ކްލަބްތަކުން މަރުހަބާ ކިޔެ އެވެ. އެހެން ނަމަވެސް މިއީ އެހެން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބެން ހުރި ބައެއް އެހީތަކަށް އެޅުނު ހުރަހެއް ކަމަށް ކުޅިވަރުގައި އުޅޭ ގިނަ ފަރާތްތަކުން އޭރު ވެސް ބުނަމުންދިޔަ އެވެ.
އެސްއޯއީ އެގްރިމެންޓް ކުންފުނިތަކާއި ކްލަބްތަކުގެ މެދުގައި ހެދުނީ ދެ އަހަރު ދުވަހަށެވެ. އެއީ މި އަހަރުގެ ނިޔަލަށެވެ. މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާދެ އެވެ. ފުރަތަމަ ދެނީ އެއްބަސްވުމުގައި ސޮއިކުރާތާ ހަފްތާއެއްގެ ތެރޭގައި އަށް ލައްކަ ރުފިޔާ އެވެ. އަނެއް 1.2 މިލިއަން ރުފިޔާ ދެވޭނީ ކުއާޓާރުތަކަށް ބަހާލައިގެންނެވެ. އެ އަށް ފަހު ފުރަތަަމަ ޑިވިޝަންގެ ޓީމުތަކުގެ ތެރެއިން ޕްރިމިއާ ލީގަށް ހޮވޭ ހަތަރު ޓީމަކަށް އިތުރު އެއް މިލިއަން ރުފިޔާދެ އެވެ.
މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ ހަތަރު ޓީމަށް ހުރިހާ ހަރަދެއް ކުރުމަށް ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދެ އެވެ. މިއީ ހަތަރު ޓީމަށް ބަލާ ކަމަށްވާނަމަ ހަ މިލިއަން ރުފިޔާ އެވެ. ކޮންމެ ޓީމަކަށް ހަރަދުކުރަނީ ސަރުކާރު ހިއްސާވާ ވަކި ކުންފުންޏަކުންނެވެ.
ސަރުކާރު ހިއްސާވާ ގޮތަށް ހަމައެކަނި ފުޓްބޯޅަ އަށް ހަރަދުކުރާތީ ފުރަތަމަ ވެސް އެސްއޯއީގެ ޝަކުވާ ނުރަސްމީ ގޮތަކަށް ނަމަވެސް އެހެން އެސޯސިއޭޝަންތަކުން ކުރި އެވެ. އެކަމު އޭރު ފުޓްބޯޅަ ނޫން އެހެން ކުޅިވަރު އެސޯސިއޭޝަންތަކަށް އޮތް ހިތްހަމަ ޖެހުމަކީ އެސްއޯއީގެ ތެރެއިން އެ ކުޅިވަރުތަކަށް ވެސް ފުރުސަތުތަކެއް ފަހިވެފައި އޮތުމެވެ. އެއީ އެސްއޯއީގެ ގަވާއިދު ބުނާގޮތުން ކޮންމެ ކްލަބަކުން ވެސް އެހެން ކުޅިވަރެއްގެ ޓީމެއް ގެންގުޅެން ޖެހުމެވެ. ނޫނީ އެހެން ކުޅިވަރަކަށް ކޮންމެ ކްލަބަކުން 50،000 އަށް ވުރެން މަދުނޫން އަދަދެއް ހަރަދުކުރަން ޖެހޭ ގޮތަށް އެއްބަސްވުމުގައި އޮވެ އެވެ.
"ފުޓްބޯޅަ އަކީ އެއް ވަނަ ކުޅިވަރު. އޭގެ އަށް ހަރަދުކުރުމުން ޝަކުވާއެއް ނުކުރަން. އެކަމަކު އެހެން ކުޅިވަރުތަކަށް ވެސް ބަލަންޖެހޭ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކޮންމެ ފުޓްބޯޅަ ކްލަބެއް ޖެހޭ އެހެން ކުޅިވަރު ޓީމެއް ގެންގުޅެން. އެއީ ރަނގަޅު ކަމެއް. އެކަމަކު އެކަން ކުރީމަ ނުކުންނަ ނަތީޖާ ފެނުނީމަ ބުނެވޭނީ އެއީ ކުރެވޭނެ ކަމެއްތޯ. އެއީ ކްލަބްތަކުގައި ކަންތައްތައް ފުރިހަމަ ކުރަން ނުތިބޭ މާގިނަ ސްޓާފުންނެއް. ކިހިނެއް އެހެން ޓީމެއް ހިންގާނީ،" ކުޅިވަރު އެސޯސިއޭޝަނެއްގެ އިސް ފަރާތެއްް "މިހާރަ"ށް ބުންޏެވެ.
ހަގީގަތުގައި ކްލަބެއްގެ ނަން ދީގެން އެހެން ބަޔެއް ލައްވައި ޓީމެއް ހިންގިދާނެ އެވެ. އެހެން ނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއްތޯ އެއީ އޭގެ އެންމެ ބޮޑު ސުވާލެވެ.
ކުންފުނިތަކުން ހަގީގަތުގައި އެހެން ކަންކަމަށް ހަރަދުކުރަނީ އިޖުތިމާއި ޒިންމާގެ ތެރެއިން ނޫނީ އެކި ކަންކަމަށް ސްޕޮންސާ ދިނުމަށް އެ ކުންފުނިތަކުން ކަނޑައަޅާފައިވާ ބަޖެޓެއްގެ ތެރެއިންނެވެ. އޭގެ ތެރެއިން ނިސްބަތުން ބޮޑު އަދަދެއް އެއް ކަމަށް ހަރަދުކުރުމަކީ އެ ކުންފުނިތަކަށް ވެސް އަހަރު ތެރޭގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށް އެ ކުންފުނިތަކުން ވެސް ބުނެ އެވެ.
"ސޯޝަލް ރެސްޕޮންސިބިލިޓީގެ ތެރެއިން އަޅުގަނޑުމެން މިކަން މި ކުރަނީ. ހަގީގަތުގައި މިއީ ރަނގަޅު ޕްލޭނަކާ އެކު ކުރެވޭނެ ކަމެއް. ބަލަންޖެހޭ މިއީ ސަސްޓެއިން ކުރެވޭނެ ކަމެއްތޯ. ހަގީގަތުގައި އަޅުގަނޑުމެންނަށް އަހަރެއްގެ ތެރޭގައި ސްޕޮންސާ ހޯދަން އާދޭ ވަރަށް ގިނަ ޕްރޮޕޯސަލް. މީގެ ތެރޭގައި ތަފާތު ކުޅިވަރު ރިލޭޓެޑް ކަންތައް ވެސް އާދޭ. އެހެން ކަންތައް ވެސް އާދޭ. އެކަމަކު ފުޓްބޯޅަ އަށް (އެސްއޯއީ) އަށް އެވަރުގެ ހަރަދެއް ކޮށްފައި ދެން އެހެން ކަމަކަށް ކުރާނެ ހަރަދެއް އޮންނާނެތޯ،" އެސްއޯއީގައި ހިއްސާވާ ކުންފުންޏެއްގެ މެމްބަރަކު "މިހާރަ"ށް ބުންޏެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުން އަހަރެއްގެ މައްޗަށް ގިނަ މުބާރާތްތަކެއް އެކި ސިފަސިފައިގައި ހިންގަ އެވެ. ސަރުކާރުން އެކި ކުއާޓަރުތަކަށް ބަހާލައިގެން ދޭ ފައިސާ އަކީ ގިނަ އެސޯސިއޭޝަންތަކުން ކުރަން ޖެހޭ ހަރަދުތަކާ ނުބައްދަލު އަދަދެކެވެ. މީ ހަރަދުތަކަށް ލުޔެއް ލިބެން އަންނަނީ އެކި ސްޕޮންސަރުންދޭ ދީލަތި އެހީގެ ތެރެއިންނެވެ. އެކަމަކު އެސްއޯއީއާ އެކު ފުޓްބޯޅަ އަށް ކުންފުނިތަކުން ގިނަ ހަރަދުތަކެއް ކުރަން ޖެހުމަކީ އެހެން ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޮންސަރުން ހޯދުމަށް އޮތް ކޮންމެވެސް ވަރެއްގެ ގޮންޖެހުމަކަށް ވަނީ ވެފަ އެވެ.
ދުނިޔޭގެ ކަން ހިނގާގޮތަށް ބަލާއިރު ފުޓްބޯޅަ މިހާރު ކުރިއަރާފައި އޮތް ތަންތަނުގައި އެކަން ވެފައި އޮތީ ބޮޑެތި ހަރަދުތަކެއް ކޮށްގެންނެވެ. ރާއްޖޭގައި ވެސް އެ ވަރުގެ ހަރަދުތަކެއް ކުރުން މުހިއްމެވެ. އެކަމަކު ސަރުކާރު ހިއްސާވާ ގޮތަށް ހެދިފައި އޮންނަ އެސްއޯއީ ފަދަ އެއްބަސްވުމެއްގެ ތެރެއިން ފުޓްބޯޅަ އަށް ހަރަދުކޮށް، އޭގެން އެހެން ކުޅިވަރުތަކަށް އަސަރެއް ކުރާނަމަ އެކަމަށް ނަޒަރު ހިންގާލުމަށް ފަހު އެންމެނަށް އިންސާފުވެރިވާނެ ހައްލެއް ހޯދައިގެން ކުރިއަށްދިއުމަކީ މުޅި ކުޅިވަރަށް މަންފާ ކުރާނެ ކަމެކެވެ.