22 ފެބުރުއަރީ 2018 - 12:00

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދަން ޖޭއެސްސީން ހުޅުވާލި ފުރުސަތު ކުރިން އޮތީ މިއަދުގެ ނިޔަލަށް ހަމަވާ ގޮތަށެވެ. އެކަމަކު ޖޭއެސްސީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން އެކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރިއިރު ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.
ދާދިފަހުން ވެސް ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރަކު އަދި ހައި ކޯޓަށް އެއް ފަނޑިޔާރަކު ވަނީ އައްޔަންކޮށްފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު 48،000ރ. ލިބޭއިރު، ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު ލިބޭނީ 46،000ރ. އެވެ.