ސޯނަމް، ދީޕިކާ އަދި ވަރުން ވެސް ކައިވެނިކުރަނީ؟
ސޯނަމް، ދީޕިކާ އަދި ވަރުން ވެސް ކައިވެނިކުރަނީ؟

މިދިޔަ ޑިސެމްބަރު މަހު ބޮލީވުޑަށް ވަނީ ކައިވެނީގެ ސީޒަނެއް ފެށިފަ އެވެ. އެއީ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ ވަރަށް ސިއްރުން ކައިވެނި ކުރި ހިސާބުންނެވެ. އޭގެ ފަހުން އިލިއާނާ ޑިކްރޫޒް އާއި ސުރްވީން ޗައުލާ ވެސް ވަނީ ކައިވެނިކޮށްފަ އެވެ.

އޭގެ މާ ގިނަ ދުވަހެއް ނުވެ ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އާނަންދް އަހޫޖާ ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތައް ވަނީ ފެތުރެން ފަށައިފަ އެވެ. އަދި ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގުގެ ކައިވެނި ވެސް މިއަހަރުގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލް ވެސް މިއަހަރު ނިމޭ ހިސާބުގައި ކައިވެނިކުރަން ހަމަޖެހިފައިވާ ކަމަށް ފިލްމްފެއާ އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.

ބޮލީވުޑް ބައެއް ފިލްމުތަކުން ފެނިފައިވާ އެމީ ޖެކްސަން އާއި އޭނާގެ ލޯބިވެރިޔާ ޖޯޖް ވެސް އަހަރު ފަހުކޮޅު ކައިވެނިކުރަން ހަމަޖެހިފައިވާ ކަމަށް އެމީގެ އެކުވެރިޔަކު ފިލްމްފެއާ އަށް ބުނެފައިވެ އެވެ.

މީގެ އެއްވެސް ކައިވެންޏެއްގެ ވާހަކަ އެއްވެސް ތަރިއަކު ޔަގީންކޮށެއް ނުދެ އެވެ. ނަމަވެސް މިއީ ވަރަށް ސިއްރުން ކައިވެނި ކުރުމަށް ފަހު ކުއްލިއަކަށް ސޯޝަލް މީޑިއާގައި އެ ވާހަކަ އިއުލާން ކޮށްލާ ދުވަސްވަރަޖަށް ވާތީ މި ކައިވެނީގެ ޚަބަރުތައް މިއަހަރުގެ ތެރޭގައި ލިބުމަކީ ވަރަށް ގާތް ކަމެކެވެ.