27 ފެބުރުއަރީ 2018 - 07:11

"ފްރެންޑްސް" ގެ ބަތަލާ ޖެނިފާ އެނިސްޓަންގެ ދެވަނަ ކައިވެނި ރޫޅުމާ އެކު، ތަފާތު ގޮތްގޮތަށް އަންނަނީ ވާހަކަތައް ދެކެވެމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެނިސްޓަން އާއި އެކްޓަރު ޖަސްޓިން ތެރަކްސް ކައިވެންޏެއް ވެސް ނުކުރެ އެވެ. އެކަމަކު ދެ މީހުން ކައިވެނި ކުރި ކަމަށް 2015 ގައި އިއުލާންކޮށްފައިވާ އިރު، އެކަމުގެ އެއްވެސް ރަސްމީ ލިޔުމެއް ނެތް ކަމަށްވެ އެވެ.
ކުރިން އެކްޓަރު ބްރޭޑް ޕިޓާ ވެސް ކައިވެނި ކުރި ބަތަލާގެ ދެވަނަ ކައިވެނި ރޫޅުނު ވާހަކަތަކާ އެކު މިހާރު ދެކެވޭ ބައެއް ވާހަކަތައް މިހިރީ އެވެ؛ އެއް ބަޔަކު ބުނަނީ މީގެ އަޑީގައި ބްރޭޑްގެ އަތެއް އެބަ އޮތް ކަމަށެވެ. އަދި ޖަސްޓިން އާއި އެނިސްޓަން އެކުގައި އުޅުނު އިރު ވެސް، އެނިސްޓަން އާއި ބްރޭޑް ފޯނުން ވާހަކަ ދައްކާ ކަމަށްވެ އެވެ. އެހެންވެ އެ ދެ މީހުން އަލުން ގުޅޭނެ ކަމަށް ބުނާ ވާހަކައިގެ ބަހުސް ވެސް ގަދަ އެވެ.
މިކަމަށް ބާރުދީ ބައެއް މީޑިއާތަކުން ވަނީ ބްރޭޑްގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޮލީއާ ހަވާލާދީ، ބްރޭޑްގެ އަތުގައި އަބަދު ވެސް، އެނިސްޓަންގެ ފޯނު ނަމްބަރު އޮންނަ ކަމަށް ބުނެފަ އެވެ.
މަޝްހޫރު މަޖައްލާ ޕީޕަލްގެ އަންނަ މަހުގެ ކަވާ ސްޓޯރީ މި ފަހަރު ހާއްސަކޮށްފައި ވަނީ އެނިސްޓަން އާއި ޖަސްޓިންގެ ވަކިިވުމަށެވެ. އެނިސްޓަންގެ ފޮޓޯ ވެސް ޖަހައި، އޭނާ ހިތް ހަލާކުވެފައިވާ ކަމަށް ބުނެ ލިޔެފައިވާ ބައެއް ލިޔުންތަކުގައި ކައިވެނީގެ ގުޅުން ނިމުމަކަށް އައި ކަމަށް ބުނާ އެހެން ސަބަބުތަކެއް ޕީޕަލް އިން ވަނީ ތިލަކޮށްފަ އެވެ.
އޭގެ ތެރޭގައި އެންމެ އަޅައިގަތް އެއް ވާހަކައަކީ އެ ގުޅުމަށް ދަރިއަކު ނުލިބުނު ވާހަކަ އެވެ. ޕީޕަލް އިން އެނިސްޓަންގެ ވަރަށް ގާތް މީހަކާ ހަވާލާދީ ބުނެފައި ވަނީ ޖަސްޓިން އާއި އެނިސްޓަން 2012 ވަނަ އަހަރުން ފެށިގެން ޑޭޓް ކުރަން ފެށުމާ އެކު، އެ މީހުން ދަރިއަކު ހޯދަން މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ. އެކަމަކު ކައިވެނި ރޫޅުމާ ހަމައަށް ވެސް އެކަން ކާމިޔާބު ނުވުމުން އެނިސްޓަން ވަރަށް މާޔޫސްވެފައިވާ ކަމަށް ބުނެފައިވެ އެވެ.
"އެ ދެ މީހުން ދަރިއަކު ހޯދަން ޕްލޭންކޮށް، ވަރަށް މަސައްކަތް ވެސް ކުރި. އެކަމަކު އެކަން ކާމިޔާބު ނުވީމަ އެނިސްޓަން އަށް ވަރަށް ބޮޑު ހިތާމައެއް ލިބުނު،" އެނިސްޓަންގެ ގާތް މީހާއާ ހަވާލާދީ ޕީޕަލް އިން ބުންޏެވެ.
އޭނާ ބުނީ ދަރިއަކު ނުލިބުނަސް އެ ގުޅުމުގައި މައްސަލައެއް ނުޖެހިވޭތޯ އެނިސްޓަން ލައްކަ މަސައްކަތް ކުރި އެވެ. އަދި ދެވަނަ ކައިވެނި ރޫޅިދާނެ ކަމަށް އޭނާ ދުވަހަކު ހިއެއް ނުކުރެ އެވެ.
އެނިސްޓަން އާއި ޖަސްޓިން ވަކިވިކަން މީގެ ހަފުތާއެއް ކުރިން އިއުލާން ކުރި ބަޔާނުގައި ބުނި ގޮތުގައި ދެ މީހުން ވަކިވުމަކީ އަމިއްލަ ނިންމުމެކެވެ. އަދި އެގޮތަށް ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށް ވެސް ބުންޏެވެ.
ކޮންމެއަކަސް އެނިސްޓަންގެ ދެ ކައިވެނި ވެސް ރޫޅުމަކީ އޭނާގެ ފޭނުން ވެސް ހިތް ހަލާކުކޮށްލި ކަމެކެވެ. އަނެއްކޮޅުން ދެ ކައިވެންޏަށް 49 އަހަރުގެ ބަތަލާ އަށް ދަރިއަކު ލިބިފައި ނުވަނީ ކާކުގެ މައްސަލައަކުންތޯ ގިނަ ބަޔަކު މިހާރު މާ ބޮޑަށް ވެސް ސުވާލު އުފައްދާނެ ކަމާ ދޭތެރޭ ޝައްކެއް ނެތެވެ.