ރެޕް އާޓިސްޓަކު ކުއްލި ގޮތަކަށް މަރުވެއްޖެ
ރެޕް އާޓިސްޓަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ދިވެހި ޒުވާނުންގެ ތެރޭގައި މަޝްހޫރުވި ބައެއް ލަވަތަކުގައި ރެޕްކޮށްފައިވާ މުހައްމަދު ރިފާއު (ޑިސޭ) ކުއްލި ގޮތަކަށް ރޭ މަރުވެއްޖެ އެވެ.

މަޝްހޫރު ރެޕް އާޓިސްޓު، ޔެސްއީ އާއެކު "މޮޅުގޮތަކަށް" ލަވައިން ތައާރަފްވި ޑިސޭ ރޭގެ ވަގުތެއްގައި މަރުވީ ބަނޑޮހުގައި އޮތް ރަސްމިއްޔާތަކަށް ތަން ތައްޔާރުކުރަން އުޅެނިކޮށެވެ.

ޑިސޭގެ އެއްބަނޑު އެއްބަފާ ބޭބެ ބުނީ އިވެންޓް މޯލްޑިވްސްގައި މަސައްކަތް ކުރާ 30 އަހަރުގެ އެ ޒުވާނާ މަރުވީ، ރަސްމިއްޔާތު ބާއްވާ ހޯލް ތައްޔާރުކުރުމަށް، ފަސް ފޫޓުގެ ހަރުގަނޑަކަށް އަރާ ހުއްޓާ ކުއްލި ގޮތަކަށެވެ.

"ހަރުގަނޑަށް އަރާ ހުއްޓާ މުޅި މީހާ ގަނޑުވީ. އެގޮތަށް ހުރެ ދިހަ ވަރަކަށް ސިކުންތު ފަހުން އޭނާ ވެއްޓުނީ މަރުވެގެން،" ބޭބެ ބުންޏެވެ.

އޭނާ ބުނީ ހަރުގަނޑުން ވެއްޓި ޑިސޭގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

އެ ޒުވާނާ ވެއްޓުނީ ފިޓު ޖެހިގެން ނުވަތަ ކަރަންޓުގައި ޖެހިގެން ކަމަށް ބައެއް މީހުން ބުނި ނަމަވެސް އާއިލާއިން އެކަން ދޮގު ކުރެ އެވެ. އޭނާގެ ބޭބެ ބުނީ އެ ހާދިސާ ދިމާވުމުން، ކަރަންޓުގެ އެއްވެސް މައްސަލައެއް އުޅޭތޯ ޗެކް ކުރި ކަމަށާއި އެކަމަކު އެ ފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އޭނާ މަރުވީ ފިޓު ޖެހިގެން ނޫން ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ވެސް ޑިސޭގެ ބޭބެ ބުންޏެވެ.

މީގެ 17 ވަރަކަށް އަހަރު ކުރިން ސިކުނޑިއަށް ސީރިއަސް މައްސަަލައެއް ދިމާވެ، މީހުން ވަކިކުރަން ނޭނގޭ ހިސާބަށް ވެސް އޭނާ ދިޔަ އެވެ. އެކަމަކު ރާއްޖެއަށް ބޭރަށް ގެންގޮސް ފަރުވާ ދިން ފަހުން އެ ފަދަ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް އާއިލާއިން ބުންޏެވެ.

މަރުވި އިރު ޑިސޭ ދިޔައީ އޭނާގެ ދެ ވަނަ ކައިވެންޏަށް ތައްޔާރުވަމުންނެވެ.