22 ފެބުރުއަރީ 2018 - 09:41

ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް، މޮރޮކޯގައި މިހާރު ތަމްރީން ހަދަމުން އަންނަ ހުސެއިން ފަޒީލް ހާރޫން އާކޮށްފި އެވެ.
އޭނާ މިދިޔަ އަހަރުގެ މާޗު 12 ވަނަ ދުވަހު 33:47 މިނެޓުން ދުވެގެން ހެދި ރެކޯޑް އާކުރީ މޮރޮކޯގެ މެކްނެސްގައި އާދީއްތަ ދުވަހު ބޭއްވި ސެމީ މެރެތަން އިންޓަނޭޝަނަލްގައި 31:48 ސިކުންތުން ދުވެގެންނެވެ. އޭނާ މި ހޯދީ ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް 1999 ވަނަ އަހަރުގެ މާލޭ މެރެތަންގައި 35:05 މިނެޓުން ދުވެގެން ހެދި 10 ކިލޯމީޓަރުގެ ރެކޯޑް މުގުރާނުލެވި 18 އަހަރު އޮތުމަށް ފަހު އެންމެ ފުރަތަމަ މުގުރާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 34:40 މިނެޓުން ޒައިދު ޝަރީފެވެ. ފަޒީލް އެ ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ އޭގެ ދެ މަސް ފަހު މާޗު މަހު މޮކޮރޯގެ އުޖްޑާ އިންޓަނޭޝަނަލް ޓެން-ކޭ ރޭހުގައި ގަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފަޒީލް ތަމްރީން ހަދަމުން އަންނަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މޮރޮކޯގަ އެވެ. ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ވެސް 27 އަހަރަށް ފަހު، 2016 ވަނަ އަހަރު މުގުރާލި ފަޒީލަކީ މިޑްލް ޑިސްޓެންސުގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ދުވުންތެރިޔާ އެވެ. އޭނާ ވިދާލީ 2016 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގަ އެވެ. އޭނާ ވަނީ އެ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދައި އަދި 2016 ވަނަ އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ. މީގެ ތެރެއިން ފަޒީލް މުގުރާލި ފަސް ކިލޯމީޓަރުގެ ރެކޯޑް މިހާރު އޮތީ މުހައްމަދު ޝިފާޒް އަތުގަ އެވެ.