22 ފެބުރުއަރީ 2018 - 09:22

މެޑްރިޑް (ފެބްރުއަރީ 22) - ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް ލަނޑު ޖަހާފައި އޮއްވައި ފަހަތުން އަރައި 3-1 އިން މޮޅުވެ ރެއާލް މެޑްރިޑް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މޮޅާ އެކު ރެއާލް ލީގުގެ ތިން ވަނައިގައި އޮތީ 24 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާސެލޯނާ އަށް ވަނީ 24 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 24 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ރެއާލުން ކުޅުނު މި މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި އަމިއްލަ ދަނޑުގައި ކުޅުނު ލެގަނޭސަށް ލީޑުނަގައިދިނީ އުނާއި ބަސްޓިންޒާ އެވެ. އޭގެ ފަސް މިނިޓް ފަހުން ރެއާލަށް އެއްވަރުކޮށްދިނީ ލޫކަސް ވަޒްކޭޒް އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 30 ވަނަ މިނިޓްގައި ރެއާލުން ލީޑު ނެގީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ވައްދާލި ގޯލުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ފަސް ވަނަ ގޯލެވެ.
ރެއާލަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އިތުރު ވަގުތުގައި ސާޖިއޯ ރާމޯސް ވައްދާލި ޕެނަލްޓީންނެވެ.
ރެއާލް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ހޯދި މޮޅު ހިމެނެ އެވެ. ރެއާލް ވަނީ މި މެޗުތަކުގައި 16 ގޯލު ޖަހައިފަ އެވެ. އަދި ލަލީގާގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ރެއާލަށް ގެއްލުނީ މަދު ޕޮއިންޓްތަކެކެވެ.
އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނީ މީގެ މަހެއްހާ ދުވަސްކުރިން ރެއާލް އޮތް ހާލަތާ މިހާރު އެ ޓީމުން ދައްކާ ކުޅުން ފެނުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށެވެ.
"ހަމަނޭވައެއް ލެވިއްޖެ. ޖެހިޖެހިގެން ހަތަރު ވަނަ މޮޅު މިއީ. އަހަރެމެންގެ ފެންވަރުގައި ކުޅެވެން އަދި މި ފެށުނީ. މިއީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހަކަމެއް. ޕްރެޝަރުގައި ރަނގަޅު ނަތީޖާތަކެއް ނެރެވިއްޖެ،" ޒިދާން ބުންޏެވެ.