21 ފެބުރުއަރީ 2018 - 20:58

އޭޝިއާގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ބްރެޒިލްގެ ފޯވާޑެއް ކަމަށްވާ ލުއިޒް އެޑުއާޑޯ ޕުރްޗީނޯ ކްލަބް އީގަލްސް އިން ގެނެސްފި އެވެ.

ޕުރްޗީނޯގެ އިތުރުން މި ސީޒަނުގައި އީގަލްސް އިން ފެންނާނެ އަނެއް ބިދޭސީ ދެ ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ވެސް އެ ޓީމުން ފެނުނު ސްރީލަންކާ ގައުމީ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އަދި މިސްރުގެ ޑިފެންޑަރު މިސްރުގެ ޑިފެންޑަރު މަހްމޫދު ސައީދު (ރާމޯސް) އެވެ.
މުހައްމަދިު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ނުކުންނަ އީގަލްސް ޓީމަށް ގެނައި ބްރެޒިލްގެ ފޯވާޑް ލުއިޒް ވަނީ ތައިލެންޑާއި މެލޭޝިއާގެ ކްލަބްތަކަށް ކުޅެފަ އެވެ. އޭނާ އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 2012 ވަނަ އަހަރު ތައިލެންޑްގެ ފުރަތަމަ ޑިވިޝަންގެ ޖަމްޕަސްރީ ޔުނައިޓެޑާ އެކު އެވެ. އެ ފަހަރު އޭނާ ވަނީ ކުޅުނު 22 މެޗުން 12 ގޯލް ޕުރްސީނިއޯ ކާމިޔާބު ކޮށްފަ އެވެ.
ލުއިޒް މިދިޔަ ސީޒަންގައި ކުޅެފައިވަނީ މެލޭޝިއާގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ މެލޭޝިއަން އިންޑިއަން ސްޕޯޓްސް ކައުންސިލް ޓީމަށެވެ. އެ ޓީމަށް ކުޅުނު އަށް މެޗުން އުމުރުން 29 އަހަރުގެ ލުއިޒް ވަނީ އަށް މެޗުން ހަތަރު ގޯލް ޖަހައިފަ އެވެ.
މިދިޔަ ސީޒަނަކީ ބިދޭސީ ފޯވާޑުން ގެނައުމުގައި އީގަލްސް އަށް ގޯސް ތަޖުރިބާއެއް ކުރެވުނު އަހަރެކެވެ. މިދިޔަ ސީޒަން ފެށުނުއިރު އެ ޓީމަށް ކުޅުނު ނެދަލެންޑްސްގެ ފޯވާޑް ޑޮނޮވަން ޑީކްމަން ވަނީ ފެންވަރު ދަށްވުމުގެ ސަބަބުން ފޮނުވާލައިފަ އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ޖުލައި މަހުގެ ޓްރާންސްފާ މާކެޓްގައި އީގަލްސްއާ ގުޅުނު ކުރިން މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅުނު ފޯވާޑް އެންޑަސަން އަށް ވެސް ކުޅެލަން ލިބުނީ އެންމެ މެޗެކެވެ. އެއީ މާލޭ ލީގުގެ ފަހު މެޗުގަ އެވެ.
އީގަލްސް އިން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު ކަމަށްވާ މުހައްމަދު އާރިފް (ބަކާ) ގެނެސްފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ތަސްނީމް (މޯޑް) ވެސް ވަނީ އާ ސީޒަނަށް އީގަލްސްއާ ގުޅިފަ އެވެ. އަނިޔާ އިން ރަނގަޅުވެ އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ތިން ވަނަ ޑިވިޝަނުގައި ކުޅެފަ އެވެ.
މި ސީޒަނުގައި އީގަލްސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު އެސްޓީއޯ މާލޭ ލީގުގައި ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.