21 ފެބުރުއަރީ 2018 - 19:33

އިސްލާމްއާބާދު (ފެބްރުއަރީ 21) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ޕާޓީގެ ލީޑަރުކަން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ބޮޑު ވަޒީރުކަމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ނިންމުމާ އެކު ނަވާޒް ޝަރީފް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ އަމުރާ އެކު ޕާކިސްތާން މުސްލިމް ލީގު ނަވާޒް (ޕީއެމްއެލްއެން) ގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ނަވާޒް ޝަރީފަށް ބަންދުވީ އެވެ. ޕާކިސްތާނުގެ އެންމެ މަތީ ކޯޓުގެ އަމުރު ނެރުމުގެ ކުރިން ޕީއެމްއެލްއެން އިން ވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ ނަވާޒް ޝަރީފް ކަމަށް ކަނޑައަޅާ ގަރާރެއް ނެރެފަ އެވެ.
ކޯޓުގެ އަމުރުގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު މިއާން ސާގިބް ނިސާރު ވަނީ ޕާޓީގެ ލީޑަރުކަމުގެ މަގާމުން ނަވާޒް ޝަރީފުގެ ނަން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިފަ އެވެ.
ނަވާޒް ޝަރީފާއި އޭނާގެ ސަޕޯޓަރުން ވަނީ ޕާކިސްތާނުގައި ތިން ފަހަރު ބޮޑު ވަޒީރުކަން ކުރި ނަވާޒް ޝަރީފުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ނަވާޒް ޝަރީފު ވަނީ ބާރުގަދަ އަސްކަރިއްޔާގެ ޝިކާރައަކަށް ހަދާފައި ކަމަށް ވެސް ދަނީ ބުނަމުންނެވެ.