މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފް، ކުއްލި ހާލަތެއް މިހާރު ނެތް: ވަކީލުން
މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފް، ކުއްލި ހާލަތެއް މިހާރު ނެތް: ވަކީލުން

ކުއްލި ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އެހެންވެ ކުއްލި ހާލަތު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ބައެއް ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފް، ކުއްލި ހާލަތެއް މިހާރު ނެތް: ވަކީލުން
މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފް، ކުއްލި ހާލަތެއް މިހާރު ނެތް: ވަކީލުން

މަޖިލީހުން އިއްޔެ ވަނީ ކުއްލި ހާލަތު އިތުރު 30 ދުވަހަށް އިތުުރުކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުން ފާސްކޮށްފަ އެވެ. އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ވަނިކޮށް އެ ގަރާރު މަޖިލީހުން ފާސްކުރީ ސަރުކާރަށް ނިސްބަތްވާ 38 މެމްބަރުންގެ ވޯޓުންނެވެ.

ވަކީލުންތަކެއް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލް ހިސާން ހުސައިން ވިދާޅުވި ގޮތުގައި ކުއްލި ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އެހެންވެ ކުއްލި ހާލަތު މިހާރު އޭގެ ޒާތުގައި ނިމިގެން ގޮސްފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ ގަރާރަށް ވޯޓަށް އެހީ ގާނޫނު އަސާސީގައި ބުނާ ފަދައިން މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި ކަމަށްވާ 43 މެމްބަރުން ތިބެގެން ކަމަށް ނުވާތީ އެވެ. އެހެންވެ، އޭގެ ޒާތުގައި ކުއްލި ހާލަތު އުވި، ކުއްލި ހާލަތުގެ ގަރާރުގެ ދަށުން އަޅާފައި ހުރި ފިޔަވަޅުތައް އުވުނީ ކަމަށް އޭނާ ވިދާޅުވި އެވެ،

"ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގުނު ވޯޓަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތަށް ނެގުނު ވޯޓެއް ނޫން. އަދި ގާނޫނު އަސާސީގައިި ކަނޑައަޅާފައިވާ ގޮތަށް މި ގަރާރަށް ވޯޓު ނުލިބުމުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މިހާރު މިވަނީ ނިމުމަކަށް އައިސްފައި،" 12 ވަކީލަކު ބައިވެރިވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި ބުނަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ތިބެންޖެހޭ ވާހަކަ ކަމަށެވެ. އެގޮތުން، ވޯޓަށް އަހާ ކަމަކީ ކޮންމެހެން ގާނޫނަކަށް ވާން ނުޖެހޭނެ ކަމަށާއި އެހެންވެ ކުއްލި ހާލަތުގެ ގަރާރަށް ވެސް ވޯޓަށް އަހާއިރު 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ގާނޫނެއްގެ ވާހަކައެއް ނޫން، ކޮންމެ ކަމެއް ކުރިޔަސް، ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމެއް ވެއްޖިއްޔާ ގަރާރަކަށް ވިޔަސް، ގާނޫނަކަށް ވިޔަސް، އަދި އެހެން ކަހަލަ ނިންމުމަކަށް ވިޔަސް އެވަރަށް މެމްބަރުން ތިބެންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި މި އޮންނަނީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކަންކަމުގައި ބަލަންޖެހޭނީ އޭގެ ނަމަކަށް ނޫން ކަމަށާއި އޭގެ މަގްސަދަށް ކަމަށެވެ. އެހެންވެ ކޮންމެ ނަމެއް ކިޔަސް ކުއްލި ހާލަތުގެ ގަރާރަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރަންޖެހޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން އެ މައްޗަށް އަމަލު ކުރަންޖެހޭ އެއްޗަކީ ގަރާރަކަށް ވިޔަސް، ގާނޫނަކަށް ވިޔަސް އެއީ ރައްޔިތުން އަމަލު ކުރަންޖެހޭ އެއްޗެއް. ރައްޔިތުން އަމަލުކުރަންޖެހޭ އެއްޗެއް ފާސްކުރަން ޖެހޭނީ ވަކި ގޮތަކަށް ކަމަށް ގާނޫނު އަސާސީގައި އޮތީވިއްޔާ އެގޮތަކަށް ފާސްކުރަން ވާނީ،" ޝަމީމް ވިދާޅުވި އެވެ.

ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އަހާއިރު 43 މެމްބަރުން ތިބެން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަ އޮތުމަކީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތް އެއްޗެއް ކަމަށެވެ. އެހެންވެ އެކަމުގައި މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމަކީ ގާނޫނު އަސާސީގައި ސާފު ބަހުން ލިޔެވިފައި އޮތް ވާހަކައެއް. އެއްވެސް އޮޅުމެއް ނެތް. އާންމު އުސޫލުން އިސްތިޝާރީ ލަފައަށް އެދެން ޖެހޭނީ ގާނޫނުގައި އޮތްގޮތް ސާފުނުވާ ހާލަތުގައި، ގާނޫނުގައި އައިބެއް އޮވެގެން އެކަން ސާފުނުވާ ހާލަތުގައި. އެ އުސޫލުން ބަލާއިރު އިސްތިޝާރީ ލަފައެއް ހޯދަންޖެހޭނެ ހާލަތެއް،" ރިފްއަތު ވިދާޅުވި އެވެ.

ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ޖެހޭނީ އެކަމެއް ކުރުމުގެ ކުރިން ކަމަށެވެ. ގަރާރު ފާސްކޮށް ނިންމުމަށް ފަހު އެކަމުގައި ލަފައަކަށް ސުޕްރީމް ކޯޓުގައި އެދުނު އެދުމަކީ ލަފައެއް ހޯދަން އެދުނީ ކަމަށް ނުބެލެވޭނެ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން އިސްތިޝާރީ ލަފައަށް އެދެނީ ކަމެއް ކުރާނެ ގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަމެއްގައި ގޮތެއް ނިންމުމުގެ ކުރިން،" މަހްފޫޒް ވިދާޅުވި އެވެ.

ކުއްލި ހާލަތުގެ ގަރާރު މަޖިލީހުުން އިއްޔެ ފާސްކުރުމުން އިދިކޮޅު ކޯލިޝަނުން ވެސް ބުނެފައިވަނީ ކުއްލި ހާލަތު ގާނޫނު އަސާސީގައި ބުނާގޮތަށް ފާސްނުވާ ކަމަށާއި އެހެންވެ އެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.