"ޕަދްމާވަތު" ފަސް ބިލިއަން ރުޕީސް ހޯދައިފި
"ޕަދްމާވަތު" ފަސް ބިލިއަން ރުޕީސް ހޯދައިފި

މުޅި ދުނިޔޭން "ޕަދްމާވަތު" ހޯދި ފައިސާގެ ޖުމްލަ 500 ކްރޯޑު ރުޕީސް އަށް ވުރެ މަތިވެއްޖެ އެވެ. އާމިރު ޚާންގެ "ދަންގަލް" އާއި "ބަހޫބަލީ 2" ފަދަ މަދު ފިލްމަކަށް ނޫނީ މިވަރުގެ ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ.

ފިލްމުގެ މަސައްކަތް ފެށީއްސުރެ ފިލްމާ ދެކޮޅަށް، ބޮޑު ޖަމާއަތެއްގެ ބަޔަކު މަސައްކަތް ކުރަމުން ގެންދިއުމާއެކު ވެސް މިހާ ބޮޑު ކާމިޔާބީއެއް ފިލްމަށް ލިބުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

ޖެނުއަރީ 25 ވަނަ ދުވަހު "ޕަދްމާވަތު" ރިލީޒްކުރިއިރު ވެސް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ ހަޅުތާލުތަކާއި ހަމަނުޖެހުންތައް ހިނގަމުން ދިޔަ އެވެ. އަދި ބައެއް ސްޓޭޓްތަކުގައި ފިލްމު އެޅުވޭނެ ގޮތެއް ނުވި އެވެ. ނަމަވެސް ހަތަރު ހަފުތާ ވެސް ނުވަނީސް 500 ކްރޯޑު ލިިބުމުން ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާއި ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ތިބީ ވަރަށް އުފަލުންނެވެ.

މި އުފަލުގައި ވަރަށް ވަރުގަދަ ޕާޓީއެއް މި މަހުގެ 24 ވަނަ ދުވަހު ބާއްވަން ބާންސާލީ އަންނަނީ ތައްޔާރު ވަމުންނެވެ. އެއީ ބާންސާލީގެ 56 ވަނަ އުފަން ދުވަހެވެ. އެހެންވެ ދެ މުނާސަބަތު އެއްކޮށް، ކުލަގަދަކޮށް ފާހަގަކުރަން އޭނާ ވަނީ ގަސްތުކޮށްފަ އެވެ.

މި ޕާޓީގައި ފިލްމުގެ ތަރިންގެ ތެރެއިން ދީޕިކާ އާއި ރަންވީރު ބައިވެރިވާނެ އެވެ. ނަމަވެސް ޝާހިދު ބައިވެރިއެއް ނުވާނެ އެވެ. ސަބަބަކީ އިންޑިއާގެ ވަރަށް ދުރު ހިސާބެއްގެ ކުޑަކުޑަ އަވަށެއްގައި "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޝޫޓިންގައި ވަރަށް ބުރަކޮށް ޝާހިދު އުޅޭތީ އެވެ.