ފޮއްޓެއްގައި ސްޕޭނަށް އެތެރެކުރި ކުއްޖާގެ ބައްޕަ ޖަލުން ސަލާމަތްވެއްޖެ
ފޮއްޓެއްގައި ސްޕޭނަށް އެތެރެކުރި ކުއްޖާގެ ބައްޕަ ޖަލުން ސަލާމަތްވެއްޖެ

މެޑްރިޑް (ފެބްރުއަރީ 21) - ސްޕޭނުގެ ނޯތު އެފްރިކާއާވީ ފަޅީގައި އޮންނަ ސެއުޓާ އަށް ފޮއްޓަކަށް ލައިގެން އެތެރެ ކުރި ކުޑަ ކުއްޖާގެ ބައްޕަ ޖަލުން ސަލާމަތްވެއްޖެ އެވެ.

ޕްރޮސެކިއުޓަރުން މަސައްކަތް ކުރީ އައިވަރީ ކޯސްޓުގެ މީހެއް ކަމަށްވާ އަލީ ގުއެއްޓަރާ ޖަލު ހުކުމެއްގައި ބޭއްވުމަށެވެ. އެއީ އޭނާގެ ދަރިފުޅު ގަވާއިދާޚިލާފަށް ސްޕޭނަށް އެތެރެ ކުރުމަށް އެހީވެދީފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް ޖަލު ހުކުމް ކުޑަ ޖޫރިމަނާއަކަށް ބަދަލުވެފައި ވަނީ ފޮއްޓަކަށް ލައިގެން އޭނާގެ ދަރިފުޅު ސްޕޭނަށް އެތެރެކުރިކަން ގުއެއްޓަރާ އަށް އެނގޭކަން ސާބިތުވާ ވަރަށް ހެކި ނެތުމުންނެވެ. ގުއެއްޓަރާ ޖޫރިމަނާކޮށްފައި ވަނީ 114 ޑޮލަރުންނެވެ.

"އަހަރެން އަދި އަހަރެންގެ ބައްޕައަކަށް ވެސް ނޭނގޭ ފޮއްޓަކަށް ލައިގެން ސްޕޭނަށް އެތެރެ ކުރަން އުޅޭކަން،" ފޮއްޓެއްގައި ސްޕޭނަށް އެތެރެކުރި 10 އަހަރުގެ ކުއްޖާ އަޑޫ ކޯޓުގައި ބުންޏެވެ.

އަޑޫ ބުނީ އޭނާގެ ބައްޕަ އަބަދުވެސް ބުނެފައި ވަނީ ކާރެއްގައި ގޮސް ސްޕޭނަށް އެތެރެވުމަށް ކަމަށެވެ. އޭނާ ބުނީ މޮރޮކޯ އިން ސްޕޭނުގެ ސެއުޓާ އަށް އޭނާ ފޮއްޓަކަށް ލައިގެން އެތެރެކުރި އިރު އޮންނަން ޖެހުނީ ވަރަށ ބޮޑު ބިރުވެރިކަމެއްގައި ކަމަށެވެ. އަދި ނޭވާ ހާސްވި ކަމަށް ވެސް ބުންޏެވެ.

މޮރޮކޯ އާއި ސެއުޓާގެ ބޯޑަރު ކައިރިން އަންހެނަކު ބަރު ފޮއްޓެއް ގެންދަނިކޮށް ފުލުހުން ހުއްޓުވީ މެއި، 2015 ގަ އެވެ. ފޮށި ސްކޭން ކުރުމުން އެތެރޭގައި ކުއްޖެއް އޮތް ކަމަށް ޝައްކު ކުރެވިގެން ބެލި އިރު އަޑޫ އޮތީ ފޮށިތެރޭގައި ކުރުގެޅިފައި އޮތް ކަހަލަ ގޮތަކަށެވެ.

ވަގަށް އެތެރެވާ މީހުން ހުއްޓުވުމަށް ސެއުޓާ އާއި މޮރޮކޯއާ ދެމެދު ވަނީ ހަ މީޓަރު (20 ފޫޓު) ގެ ފެންސެއް ޖަހައިފަ އެވެ.