ފޮތް ކިޔަން އާދަކުރުމުން ޑިޕްރެޝަނަށް ލުއިވޭ
ފޮތް ކިޔަން އާދަކުރުމުން ޑިޕްރެޝަނަށް ލުއިވޭ

ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވާ މީހުން ފޮތް ކިޔުން އާދަކުރުމުން ފަސޭހަވާ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ފޮތް ކިއުމުން ޑިޕްރެޝަން މައްސަަލަ ހައްލުކުރަން ބޭހަށް ބަރޯސާ ވާން ޖެހޭ މިންވަރު ވަރަށް ގިނަ މީހުންގެ ދަށްވެ އެވެ.

ތަޖުރިބާކާރުންގެ ހޯދުންތަކުން ދައްކާ ގޮތުން ޑިޕްރެޝަންގެ މައްސަލަތައް ހުންނަ މީހުން ފޮތް ކިޔުމުގެ ފަރުވާ ހޯދައިގެން ތިން އަހަރު ތެރޭގައި ޑިޕްރެޝަން ސްކޯ އަށް ހެޔޮ ބަދަލެއް ގެނެވެ އެވެ.

ރީތި ވާހަކަފޮތެއް ކިޔައި ނިންމާލާއިރު ސިކުނޑިއަށް ވަރަށް އުފާވެރި އިހްސާސްތަކެއް ކުރެވިފައި ހުންނަ ކަމަށް ފޮތްކިއުމަށް އާދަވެފައިވާ މީހުން ބުނެ އެވެ. މިހާރު ސައިންސްވެރިން ވެސް ވަނީ މިއީ ހަގީގަތުގައި މިކަން އޮންނަ ގޮތްކަން ހޯދައިފަ އެވެ.

މި ހޯދުމަށްފަހު ސައިންސްވެރިން ބުނަނީ ފޮތްކިއުމަކީ ޑިޕްރެޝަންގެ އުނދަގޫތައް ފިލުވާލަން ވަރަށް ފަސޭހަ ގޮތެއް ކަމަށެވެ. މުޅިން ނުފިލިޔަސް ޑިޕްރެޝަނަށް ލުއި ލިބޭ ކަމަށެވެ.

މިއީ ހަގީގަތުގައި ޑިޕްރެޝަނަށް އޮތް ފަރުވާއެއް ކަމަކަށް ސައިންސްވެރިން ވެސް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ފޮތް ކިއުމުން ހިތަށް ހަމަޖެހުން ލިބި ބޭހަށް ބަރޯސާ ވާ މިންވަރު ދަށްވާ ކަމަށްވެ އެވެ.

ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވާ މީހުންގެ އަދަދު ހައިރާންވާ މަތިވަމުންދާއިރު ބަލި މީހުން ރަނގަޅުވެދާނެ ކަމުގެ އުންމީދުގައި ޑޮކްޓަރުން އެއްވެސް ބެލުމެއް ނެތި ބޭސްތައް ލިޔެދެމުންދާ ކަމުގެ ބިރުވެރިކަން ވެސް މިހާރު ގިނަ ބައެއްގެ ހިތުގައި އޮވެ އެވެ.

ފަހުގެ ދެ ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ކުޑަކޮށް ޑިޕްރެޝަންގެ މައްސަލަ ދިމާވާން ފެށުމުން ފޮތް ކިއުމުގެ ފަރުވާ ނުވަތަ ބިބްލިއޯތެރަޕީ އިން އެމީހުންގެ މޫޑު ރަނގަޅުވެ ނަފްސަނީ ދުޅަހެޔޮކަން ވެސް އިތުރުވެ އެވެ.

އިޓަލީގެ ޓިއުރިން ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ ބިބްލިއޯތެރަޕީގެ 10 ދިރާސާއެއް އެނަލައިޒްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ. މި ހޯދުންތައް ޝާއިއުކޮށްފައިވަނީ ޖާނަލް ކްލިނިކަލް ސައިކޮލޮޖީ ރިވިއުގަ އެވެ. މި ރިވިއު ބުނާ ގޮތުން 10 ދިރާސާގެ ތެރެއިން ހަ ދިރާސާއެއްގެ ބައިވެރިންނަށް ފޮތްކިއުމުގެ ފަރުވާ ތިން އަހަރުގެ މުއްދަތަށް ދިނުމުން އެމީހުންގެ ޑިޕްރެޝަން ސްކޯ އަށް ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ބަދަލެއް އާދެ އެވެ.

ބިބްލިއޯތެރަޕީ އިން ޑިޕްރެޝަންގެ އަސަރުތައް ކުޑަވަނީ ވަރަށް ދިގު މުއްދަތެއްގައި މި ފަރުވާ ކުރުމުންނެވެ. މިއީ ޚަރަދުކުޑަ އަދި ބޭސް ކާން ޖެހޭ މިންވަރު ދަށްކޮށްދޭ ފަރުވާ އެއް ވެސް މެއެވެ.