ފިޒީ ޑްރިންކް: ބަލިވެއިނުމަށް ހުރަހެއް
ފިޒީ ޑްރިންކް: ބަލިވެއިނުމަށް ހުރަހެއް

ދުވާލަކު އެއް ފިޒީ ޑްރިންކަށް ވުރެ ގިނައިން ބޯ އަންހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ ދިމާވާލެއް 25 ޕަސެންޓް އިތުރުވާ ކަމަށާއި ފިރިހެނުންނަށް މި މައްސަލަ 33 ޕަސެންޓަށް އޮންނަ ކަމަށް ހޯދަމުން ދައްކާފައިވެ އެވެ.

ދިރާސާއަކުން ދައްކަނީ ގިނައިން ހަކުރު އަޅާފައި ހުންނަ ބުއިންތައް ކޮންމެ ދުވަހަކު ބުއިމުން، ބަލިވެ އިނުމުގެ ފުރުސަތު 20 ޕަސެންޓް ދަށްވެ އެވެ.

ގިނައިން ހަކުރު ހުންނަ ބުއިންތައް އާދަކޮށް ބުއިމުން ފަލަބަލި، ޓައިޕް 2 ޑައިބެޓީސް، އަވަހަށް މައްސަރުކަންތައް ޖެހުން އަދި ދަރިފަނީގެ ކޮލިޓީ ދަށްވުމަށް މެދުވެރިވާ ކަމަށް ދިރާސާއަކުން ދައްކަ އެވެ. ނަމަވެސް މިފަހަރު މި ހޯދި ހޯދުމުން ހާމަވެފައިވާ ގޮތުގައި ހަކުރު އެކުލެވޭ ފިޒީ ޑްރިންކްތައް ކޮންމެ ދުވަހަކު ބުއިމުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ދަރިން ހޯދުމުގައި މައްސަލަތައް ދިމާވެ އެވެ.

ހަކުރު އަޅައިގެން ފޮނިކޮށްފައިވާ ފިޒީ ޑްރިންކްތަކާއި ދަރިން ނުލިބުމާ ހުރި ގުޅުންތައް ހޯދުމަށްޓަކައި ބޮސްޓަން ޔުނިވަސިޓީ އޮފް ޕަބްލިކް ހެލްތުގެ ސައިންސްވެރިން ވަނީ 3،828 އަންހެނުން ސާވޭކޮށްފައިވެ އެވެ. މިއީ ކެނެޑާ އާއި އެމެރިކާގައި ދިރިއުޅޭ އުމުރުން 21 އަހަރާއި 45 އަހަރާ ދެމެދުގެ ބައެކެވެ. އަދި މި މީހުންގެ ފިރިންގެ ތެރެއިން ވެސް 1،045 މީހުން ސާވޭގައި ބައިވެރިކުރި އެވެ.

މި ހޯދުމުގެ ނަތީޖާ ދެއްކި ގޮތުން ކޮންމެ މަހަކު މި މީހުން ބަލިވެ އިނުމަށް އޮތް ފުރުސަތާ އަޅާބަލާއިރު، ހަކުރު އެކުލެވޭ ބުއިންތައް އާދަކޮށް ބޭނުންކުރާ އަންހެނުންނާއި ފިރިހެނުންނަށް ވެސް ދަރިން ހޯދުމުގެ ކުޅަދާނަކަން 20 ޕަސެންޓް ދަށެވެ.

ކޮންމެ ދުވަހަކު އާދަކޮށް ފިޒީ ޑްރިންކް ބުއިމަށް އާދަވެފައި ތިބޭ މީހުންނަށް ދަރިން ލިބުމުގެ ފުރުސަތު މިއަށް ވުރެ ވެސް ހަންޏެވެ.

މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޮސްޓަން ޔުނިވަސިޓީގެ ޕްރޮފެސާ އޮފް އެޕިޑެމިއޮލޮޖީ އެލިޒަބަތު ހެޗް ވިދާޅުވީ ހަކުރު އެކުލެވޭ ބުއިންތައް ބޭނުންކުރުމާއި ދަރިން ނުލިބޭ މައްސަލައާ ގުޅުމެއް އޮތްކަން ފާހަގަ ކުރެވޭ ކަމަށެވެ. މި މައްސަލަ ދިމާވާ އިތުރު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ފަލަބަލި، ކެފެއިން މާގިނައިން ބޭނުންކުރުން، ބަނގުރާ، ދުންފަތުގެ އިސްތިއުމާލު ކުރުން، ސިއްހަތަށް ފައިދާހުރި ކާނާ ނުކެއުން ފަދަ މައްސަލަތައް ހިމެނޭއިރު މި ކަންތައްތައް ކޮންޓްރޯލް ކުރުމުން ދަރިން ނުލިބޭ މައްސަލަ ވެސް ކޮންޓްރޯލް ވާކަން އޭނާ ފާހަގަކުރެއްވި އެވެ.