"ޕަރީ" ޕްރޮމޯޓްކުރަން އަނުޝްކާ މާ ގިނަ ކަމެއް ނުކުރާނެ
"ޕަރީ" ޕްރޮމޯޓްކުރަން އަނުޝްކާ މާ ގިނަ ކަމެއް ނުކުރާނެ

އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކޮށް ބަތަލާގެ ރޯލު ކުޅެފައިވާ "ޕަރީ" އަންނަ މަހުގެ ދެ ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް އަނުޝްކާ މާ ބޮޑަކަށް ކުރާތަނެއް ނުފެނެ އެވެ.

ގިނަ އެކްޓަރުން އެމީހުންގެ ފިލްމުތައް ރިލީޒްކުރަން ކައިރިވުމުން، ޓީވީން ދައްކާ ރިއަލިޓީ ޝޯތަކުގައި ބައިވެރިވެ އަދި ނޫސް މަޖައްލާތަކަށް އިންޓަވިއުތައް ދޭތަން ފެނެ އެވެ. ނަމަވެސް އަނުޝްކާ މިފަދަ އެއްވެސް ކަމެއް ނުކުރެ އެވެ.

"ޕަރީ" އަކީ ވަރަށް ބިރުވެރި ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ މީގެ ދެ ދުވަހެއް ކުރިން ރިލީޒްކޮށްފައި ވާއިރު ވަރަށް ގިނަ ބަޔަކު އަންނަނީ މި އިޝްތިހާރަށް ތައުރީފު ކުރަމުންނެވެ. އަދި މިއީ ހިތްބަލި މީހަކަށް އެއްގޮތަކަށް ބެލޭ ޒާތުގެ ފިލްމެއް ނޫންކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

"ޕަރީ"ގެ ޕްރޮމޯޝަންގައި އަނުޝްކާ ބައިވެރިނުވާ ސަބަބު ހާމަކުރަމުން، ފިލްމާ ގުޅުންހުރި މީހަކު ބުނީ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކުރާކަށް އަނުޝްކާގެ ޓީމުން ބޭނުން ނުވާ ކަމަށެވެ. މި ފިލްމަކީ އަނުޝްކާ އާއި ކޮއްކޮ ކަރްނީޝް ޝަރުމާ ގުޅިގެން އުފައްދާ ފިލްމަކަށް ވާތީ މި ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން އެއްވެސް އިންޓަވިއުއެއް ނުދޭން އެ މީހުން ވަނީ ނިންމާފަ އެވެ. ސަބަބަކީ ފިލްމާ ބެހޭ ގޮތުން މިވަގުތު ހާމަކުރަން ބޭނުން ނުވާ އެއްވެސް މައުލޫމާތެއް އިންޓަވިއުއެއްގައި ހާމަވެދާނެތީ އެވެ.

މައުލޫމާތު ދިން މީހާ ބުނީ އަނުޝްކާ މިވަގުތު ވެސް އުޅެނީ ވަރުން ދަވަންއާ އެކު ކުޅޭ "ސުއި ދާގާ"ގެ ޝޫޓިންގައި ބޯޕާލްގައި ކަމަށެވެ. އަދި އޭޕްރީލްގެ ކުރިން އަނުޝްކާ އަށް ޗުއްޓީ ދުވަހެއް ނުލިބޭނެކަމަށް ވެސް އޭނާ ބުންޏެވެ.

"ޕަރީ" އާއި "ސުއި ދާތާ"ގެ އިތުރުން ސަންޖޭ ދަތު ބައޮޕިކް އާއި ޝާހްރުކް ޚާންގެ "ޒީރޯ"ގެ މަސައްކަތް ވެސް އަނުޝްކާ އަންނަނީ ކުރަމުންނެވެ.

މީގެ ކުރިން ވެސް އިޝްތިހާރު ނުކުރުމުގެ ޓެކްނިކަށް ސޮނާކްޝީ ސިންހާ އާއި ސިދާރްތު މަލްހޯތުރާގެ "އިއްތިފާގު"ގައި ވެސް ގެންގުޅެފައިވެ އެވެ. އެއީ ފިލްމުގެ ސަސްޕެންސް ވަރުގަދަ ކުރަން ކުރާ ކަމެކެވެ.