28 ފެބުރުއަރީ 2018 - 14:47

އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ "ކެދާރްނާތު"ގެ ޝޫޓިން ފެށިގެން ވަކި ހިސާބަކަށް ގޮސްފައި ވަނިކޮށް ފިލްމު ޕްރޮޑިއުސްކުރާ ފަރާތާއި ޑައިރެކްޓަރާ ދެމެދު މައްސަލަޖެހި މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. ދެބައިމީހުންގެ އަރާރުން ބޮޑުވެ ފިލްމު ހުއްޓިފައި އޮތް ނަމަވެސް ފިލްމު އުފެއްދުމުގެ މަސައްކަތް މުޅިން ހުއްޓާލީ ނޫން ކަމަށާއި ކަނޑައެޅިފައިވާ ގޮތަށް ފިލްމު ކުރިޔަށް ދާނެކަމަށް ފިލްމު ޕްރޮޑިއުސްކުރާ ކްރިއަރްޖް އެންޓަޓައިންމަންޓްގެ ފަރާތުން ވާހަކަ ދެއްކި އަރްޖުން އެން. ކަޕޫރު ބުންޏެވެ.
"ކެދާރްނާތު" އަކީ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގުގެ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑް ދަތުރު ފަށާ ފިލްމެވެ. ސުޝާންތު ސިންގް ރާޖްޕޫތު ބަތަލުގެ ބައި ކުޅޭ މި ފިލްމުގެ މައްސަލަ ހައިކޯޓުގައި ކުރިޔަށް ދިޔަ ނަމަވެސް ކޮންމެވެސް ހައްލެއް ލިބޭނެކަމަށް އުންމީދުކުރާ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.
"ކުޑަ ދުވަސްކޮޅެއް ތެރޭގައި ފިލްމު ނިންމާ ރިލީޒްކުރާނަން،" އޭނާ ބުންޏެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުން ބުނަނީ ހުރިހާ މައްސަލަތަކެއް ޖެހެނީ ޑައިރެކްޓަރު އަބީޝެކްގެ ސަބަބުން ކަމަށެވެ. އޭނާގެ މިޒާޖާއި ކަންކަން މެނޭޖްކުރަން ނޭގޭތީ ކަމަށެވެ. އަނެއްކޮޅުން ޑައިރެކްޓަރު ބުނަނީ ފައިސާގެ މައްސަލަތަކުގައި ޕްރޮޑިއުސަރުން ކަންތައް ކުރަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށެވެ.
ޕްރޮޑިއުސަރާއި ޑައިރެކްޓަރުގެ އަރާރުމާ ހެދި ހިތްހަމަނުޖެހިގެން ސުޝާންތު ފިލްމުން ވަކިވި ކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް ޕްރޮޑިއުސަރު ބުނީ ސުޝާންތު ފިލްމުން ވަކި ނުވާ ކަމަށާއި އަދިވެސް ފިލްމުގެ ބަތަލަކީ ސުޝާންތު ކަމަށެވެ.
ޑައިރެކްޓަރާ އެކު އަލުން އެއްބަސްވުމަކަށް ގޮސް ފިލްމު ނިންމުމުގެ ޚިޔާލެއް ވެސް ޕްރޮޑިއުސަރުން ގެންގުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.