ޖޭމްސް ބޮންޑްގެ އާ ފިލްމް ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލް އަށް ވެދާނެ
ޖޭމްސް ބޮންޑްގެ އާ ފިލްމް ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލް އަށް ވެދާނެ

އަންނަ އަހަރަށް ތާވަލުކޮށްފައިވާ ޖޭމްސް ބޮންޑްގެ ސީރީޒްގެ 25 ވަނަ ފިލްމްގެ ޑައިރެޓަރަކީ ކްރިސްޓޯފާ ނޯލަން ނޫންކަން އޭނާ ކަށަވަރުކޮށް ދިނުމާ އެކު، އެހެން ބައެއް ޑައިރެކްޓަރުންގެ ނަންތައް މީޑިއާތަކަށް ތިލަވެއްޖެ އެވެ. މި ސީރީޒްގެ އެންމެ ފަހުގެ ދެ ފިލްމް ޑައިރެކްޓް ކުރީ ސެމް މެނޭޒެވެ. އެކަމަކު އޭނާ ވެސް ކަށަވަރުވާ ހިސާބަކަށް އަދި ނުދެ އެވެ.

ޖޭމްސް ބޮންޑްގެ އާ ފިލްމް ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލް އަށް ވެދާނެ
ޖޭމްސް ބޮންޑްގެ އާ ފިލްމް ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލް އަށް ވެދާނެ

ޖޭމްސް ބޮންޑް ގެނެސްދޭ އެމްޖީއެމްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ މިހާރު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 25 ވަނަ ފިލްމް ޑައިރެކްޓް ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޑެނީ ބޮޔެލް އެވެ. އޭނާއަކީ 2008 ގެ "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ ހޯދި ޑައިރެކްޓަރެވެ.

މީގެ ކުރިން ބޮންޑްގެ ދެ ފިލްމެއް ޑައިރެކްޓްކޮށް ދޭން، ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ ޑެނީ އަށް ހުށަހެޅި އެވެ. އެއީ 2015 ގައި ގެނެސް ދިން "ސްޕެކްޓާ" އާއި ސްކައިފޯލް (2012) އެވެ.

އެކަމަކު މި ފަހަރު އަނެއްކާ ވެސް ޑެނީ އަށް ފިލްމް ޑައިރެކްޓްކޮށް ދޭން ހުށަހެޅި ކަމެއް ބާބަރާ ވެސް އަދި އެމްޖީއެމުން ވެސް ކަށަވަރެއް ނުކޮށްދެ އެވެ.

"127 އަވާސް" އާއި "28 ޑޭޒް ލޭޓާ" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޑެނީ، 61، ވަނީ ބޮންޑް ފިލްމެއް ޑައިރެކްޓް ކުރުމުގެ ޝައުގުވެރިކަން ކުރިން ފާޅުކޮށްފަ އެވެ. ވެރައިޓީން ބުނާ ގޮތުން އޭނާ ކުރިއަށް ރޭވި ޕްރޮޖެކްޓް ވެސް ފަހަތަށް ޖައްސާލައި، ބޮންޑް ފިލްމަށް ވަގުތު ދޭން މި ފަހަރު ވަނީ ނިންމައިފަ އެވެ.

އެކަމަކު ޑެނީގެ ނަމާ އެކު ބޮންޑް ފިލްމް ޑައިރެކްޓްކޮށްފާނެ ކަމަށް ބުނާ އެހެން ޑައިރެކްޓަރެއްގެ ވާހަކަ ވެސް މީޑިއާތަކަށް ތިލަވެފައިވެ އެވެ. އެއީ މި އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރާ "ވައިޓް ބޯއި ރިކް" ގެ ފްރާންސްގެ ޑައިރެކްޓަރު ޔެން ޑެމެން އެވެ.

ކޮންމެއަކަސް މި ނަންތަކާ ބެހޭ ގޮތުން މީޑިއާތަކުން ދައްކަ ވާހަކަތަކަށް ކަށަވަރު ޖަވާބެއް ދެވެން އޮތީ ބާބަރާ އާއި އެމްޖީއެމްއަށެވެ. އެހެންވެ އެ މީހުން ބުނާ އެއްޗެއްގެ އިންތިޒާރުގައި އެތައް މިލިއަން މީހުން އެބަ ތިއްބެވެ.

އަންނަ އަހަރުގެ ނޮވެމްބަރު 8 ގައި ރިލީޒް ކުރާ ބޮންޑްގެ 25 ވަނަ ފިލްމްގައި ވެސް ބޮންޑްގެ ރޯލް ކުޅޭނީ، އެންމެ ފަހުގެ ހަތަރު ފިލްމްގައި ވެސް ޓައިޓްލް ރޯލް ކުޅުނު ޑެނިއަލް ކްރެއިގެވެ.