ޝާހިދު އެމްޑީޕީން ބޭރުކޮށް، ދައުވާ ކުރަން ޖެހޭނެ: ސައީދު
ޝާހިދު އެމްޑީޕީން ބޭރުކޮށް، ދައުވާ ކުރަން ޖެހޭނެ: ސައީދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، އެމްޑީޕީން ބޭރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ގޮވާލައްވައިފި އެވެ.

ޝާހިދު އެމްޑީޕީން ބޭރުކޮށް، ދައުވާ ކުރަން ޖެހޭނެ: ސައީދު
ޝާހިދު އެމްޑީޕީން ބޭރުކޮށް، ދައުވާ ކުރަން ޖެހޭނެ: ސައީދު

އިންޑިއާގެ ޓީވީ ޗެނަލެއްގައި ރާއްޖެ އަށް ބޭރުގެ ސިފައިން އެރުމަށް ޝާހިދު ތާއީދު ކުރެއްވި ކަމަށް ވިދާޅުވެ، ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް ބޭފުޅުން ވަނީ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ޝާހިދު ވަނީ ގައުމަށް "ޣައްދާރުވެފަ" އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި އަބްދުﷲ ޝާހިދަށް ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. ރާއްޖެއަކީ ބައެއްގެ "ބެކްޔާޑު" ކަމަށް ޝާހިދު ވިދާޅުވީމަ، އެކަމާ އޭނާ ލަދުގަންނަން ޖެހޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ ޝާހިދަކީ ގާނޫނުއަސާސީގެ ދިފާއުގައި ވަކާލާތު ކުރަން ރައްޔިތުން މަޖިލީހަށް ފޮނުއްވި މެމްބަރެކެވެ. އެކަމަކު، ޝާހިދު ދެއްކެވި ވާހަކައިގެ ސަބަބުން އޭނާ ހޮވި ރައްޔިތުން ވެސް ލަދުގަންނަން ޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖެއަކީ ބައެއްގެ ބެކްޔާޑް ކަމަށް ބުނުމަކީ ބައެއްގެ "ގިފިލި" ނުވަތަ "ހަނޑަސްބުރިއޭ" ބުނުން ކަހަލަ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"މެމްބަރުގެ ލަދު ހަޔާތް ކޮބައިތޯ؟ މައާފު ކުރައްވާތި މި ވާހަކަ ދަންނަވަން. މަގާމުގެ ގޮތުން ބައެއް ވާހަކަ ނުދެއްކެނީ. ނަމަވެސް ދިވެއްސެއްގެ ހައިސިއްޔަތުން މި ވާހަކަ ދައްކަނީ،" ސައީދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް، މަޖިލީހުން ރޭ ފާސް ކުރުމާ ގުޅިގެން ޕީޕީއެމް/އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ސައީދު ޝުކުރު ދެންނެވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މެމްބަރުން ކުރެއްވީ ހައްގު މަސައްކަތެކެވެ. މިނިވަންކަން ދެމި އޮތީ، މިނިވަންކަމުގެ ދިފާއުގައި ނުކުތީމަ ކަމަށާއި ރައީސް ޔާމީން އެކަމުގެ ދިފާއުގައި ނިކުންނެވީމަ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން އެކަމަށް އެއްބާރުލުން ދެއްވި ކަން ސައީދު ފާހަގަކުރެއްވި އެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަކީ އިދިކޮޅު ފަރާތްތަކަށް ވެސް އޮތް ގާނޫނީ ވާޖިބެއް ކަމުގައި ސައީދު ވިދާޅުވި އެވެ. އަދި މި އަހަރު އޮންނަ ރިޔާސީ އިންތިހާބަކީ ދިވެހިންނަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަން ކަން ނަގާލައި، އިސްލާމް ދީނަށް އަސަރު ކުރާ ކަންކަން ލޯ ކުރިމަތީގައި ކުރާ ނަމަ، ދިވެހި ދިދައިގެ ޝަރަފުގައި ނުކުންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.