"ބްލެކް ޕެންތާ" އަށް ބެލުންތެރިން ދެމުން އަންނަ ލޯބިން ޑައިރެކްޓަރު ރަޔަން ރޮއްވާލައިފި
"ބްލެކް ޕެންތާ" އަށް ބެލުންތެރިން ދެމުން އަންނަ ލޯބިން ޑައިރެކްޓަރު ރަޔަން ރޮއްވާލައިފި

މި މަހުގެ 16 ގައި ރިލީޒް ކުރި ސުޕަހީރޯ ފިލްމް "ބްލެކް ޕެންތާ" ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ އިރު، މި ފިލްމްވެގެން ގޮސްފައި ވަނީ ހީކުރި ގޮތާ ހިލާފަށް އެތައް ބައެއްގެ ލޯބި އޮހެމުން އަންނަ ފިލްމަކަށެވެ. ފިލްމް ރަނގަޅު ވާހަކަ ދެއްކި ނުފޫޒުގަދަ މީހުންގެ ތެރޭގައި އޯޕްރާ ވިންފްރީ އާއި އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝޭލް އޮބާމާ އާއި "ވޮންޑަ ވުމަން" ގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ހިމެނެ އެވެ.

ފިލްމް ބެލި މީހުންގެ ތައުރީފު "ބްލެކް ޕެންތާ" އަށް ހިފަހެއްޓުމެއް ނެތި އޮހެމުން އަންނަ އިރު، ކްރިޓިކުން ވެސް ވަނީ ފިލްމަށް ވަރަށް ބޮޑަށް ސަނާ ކިޔައިފަ އެވެ. މާވެލް ސްޓޫޑިއޯ އިން 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމްގެ ވިޔަފާރި މިހާރު ވަނީ 400 މިލިއަނަށް ވުރެ މައްޗަށް އަރައިގެން ގޮސްފަ އެވެ. މި ކާމިޔާބީއާ އެކު ޑައިރެކްޓަރު ރަޔަން ކޫގްލާ މުޅިން ޖަޒުބާތީ ވެސް ކޮށްލައިފަ އެވެ.

އޭނާ ބުނީ އެފްރިކާ ބައްރުގައި އޮންނަ ހިޔާލީ ގައުމެއްގެ ވާހަކަ ކިޔައިދޭ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަނީ އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ކަމަށެވެ. އެހެންވެ "ބްލެކް ޕެންތާ" ދެކެ ލޯބިވި ހުރިހާ މީހުންނަށް ހިތުގެ އަޑިން ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ.

ރަޔަން ވަނީ މާވެލްގެ އިސްޓަގްރާމްގައި ޕޯސްޓް ކުރި ނޯޓެއްގައި އޭނާގެ ބައެއް ޝުއޫރުތައް ބަންޑުންކޮށްލައިފަ އެވެ. އޭގައި އޭނާ ބުނީ ފިލްމަށް ދޭ ލޯތްބަށްޓަކައި "ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް ނޭނގޭ" ކަމަށެވެ.

"ބްލެކް ޕެންތާ އަށް ދޭ ތަރުހީބުގެ ސަބަބުން އަހަންނަށް ކަރުނަ ވެސް ހިފަހައްޓައެއް ނުލެވޭ،" ނޯޓްގައި ރަޔަން، 31، ބުންޏެވެ.

އޭނާ ބުނީ "ބްލެކް ޕެންތާ" އަކީ އެކި ދިމަދިމާލަށް ނިސްބަތްވާ ބަޔަކު އެއްވެގެން ކޮށްފައި އޮތް ވަރަށް ވަރުގަދަ ޓީމް މަސައްކަތެއް ކަމަށެވެ. އަދި އެ މީހުންގެ މަސައްކަތަށް "ހައްގު ހަދިޔާ" ބެލުންތެރިން ދީފި ކަމަށް ބުންޏެވެ.

"މި ފިލްމް އަދި ނުބަލާ މީހުން ފިލްމް ބަލައިލުމަށް ދޭ ހިތްވަރަށްޓަކައި ވެސް ޝުކުރު އަދާ ކުރަން،" ކްރީޑް އާއި ފުރުޓްވޭލް ސްޓޭޝަން ވެސް ގެނެސް ދިން ރަޔަން ބުންޏެވެ.

"ބްލެކް ޕެންތާ" ގެ ކާސްޓުންގެ ތެރޭގައި ޑެނިއަލް ކަލޫޔާ، ލުޕިޓާ ނިޔޮންގޯ، މައިކަލް ބީ. ޖޯޑަން އަދި އެންޖެލާ ބެސޭ ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމާ ބެހޭ ގޮތުން ބައެއް ތަރިން ބުނެފައި ވަނީ މިއީ އެ މީހުންގެ ކެރިއަރު އާ އުސްމިންތަކަކަށް ގެނެސް ދިން ފިލްމެއްގެ ގޮތުގައި ސިފަ ކުރާ ކަމަށެވެ.