21 ފެބުރުއަރީ 2018 - 12:45

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރާ އެކު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ނިންމީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ހައްޔަރުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގެ ކައިރީގައި ބޭއްވި އެއްވުމުގައި ޝާހިދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުންގެ އަމަލުކުރަން ނުޖެހޭ ކަމެއްގެ ގޮތުގައި ބެލުމަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ފާސްކުރުން ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފޮނުވަން ފާސްކުރި ގަރާރުގައި އޮތީ "މާ ނުބައި ވާހަކައެއް" ކަމަށެވެ.
ޝާހިދު ސިފަކުރެއްވި ގޮތުގައި ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 38 މެންބަރުން ވޯޓު ދެއްވި ގަރާރުގައި އޮތީ މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސޮއިކުރެއްވި ފަސް ފަނޑިޔާރުން ވެސް ގައުމީ ސަލާމަތަށް ނުރައްކާ ފަދަ ކަމެއް ކުރައްވައިފަ އެވެ.
އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ ވޯޓުން ކުރެވޭ ކަމަކަށް ވާއިރު އެ އަދަދު ހަމަނުވިޔަސް، ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން އެކަން ކުރެވިދާނެ ފަދަ ގޮތަކަށް ސުޕްރީމް ކޯޓުގެ ނިންމުމެއް ހޯދަން އުޅުމަށް ކަމަށް ބެލެވެ އެވެ.
"...އެ ހުކުމުގައި، އެ ނުރައްކަލުގައި ސޮއިކުރި ފަނޑިޔާރުންގެ އަރިހަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި މި ފޮނުވަނީ މަނިކުފާނުމެންނޭ ނިކަން އަދި މިކަން ބައްލަވާލައްވާފައި ވިދާޅުވާށޭ މަނިކުފާނުމެން ތި ކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއްތޯއޭ. އެހެން ކަމަށްވާ ނަމަ މަނިކުފާނުމެން ހައްޔަރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ފަށަމޭ. އެއީ ރައްޔިތުންގެ މަޖިލީހުން މިއަދު އެ ފާސްކުރި ފާސްކުރުމަކީ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހިތްދަތި ތަޖުރިބާ ތަކެއްގެ މައްޗަށް ބަލައިގެން ހަދާފައިވާ ގާނޫނުއަސާސީގެ ހުރިހާ މާއްދާއެއްގެ ހުރުމަތް، ރައީސް އަބްދުﷲ ޔާމީން ކަނޑުއްވައިފި ކަމަށެވެ. ރައްޔިތުންގެ މައްޗަށް "ކުއްލި ނުރައްކަލުގެ ވަބާ" ގެނައުމަކީ ވެސް ގާނޫނުއަސާސީގެ ހުރުމަތް ކަނޑާފައި ކުރި ކަމެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން ލިބުނީ 38 ވޯޓުކަން ފާހަގަ ކުރައްމުން ޝާހިދު ވިދާޅުވީ މިހާރު ސަރުކާރުގެ ސައިޒަކީ އެއީ ކަމަށާއި އަދިވެސް ސައިޒު ކުޑަވާނެ ކަމަށެވެ. އަދި އަނިޔާވެރިން ހައްޔަރުކޮށް ހައްގު އަދަބު ދޭނެ ކަމަށާއި ރައީސް ޔާމީން ވެސް ހައްޔަރުކުރާނެ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވަނީ ސިފައިންނާއި ފުލުހުން ވެސް ރާއްޖޭގައި ގާނޫނުތަކާއި އެ މީހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތް ކޮށް، އަނިޔާވެރިކަމަށް ހިތްވަރު ނުދިނުމަށް އެދިވަޑައިގެންފަ އެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސިފައިންނާއި ފުލުހުންނަށް ވެސް އަދަބެއް ލިބުނަ ނުދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ 38 މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެކަން އެ ފާސްކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ އަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.