އިދިކޮޅު އެއްވުމުން ދެ މީހަކު ހައްޔަރުކޮށްފި
އިދިކޮޅު އެއްވުމުން ދެ މީހަކު ހައްޔަރުކޮށްފި

ޖަލު ހުކުމުގައި ތިއްބެވި ނުވަ ބޭފުޅަކު ދޫކުރުމަށް އަންގައި މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި އެއްވުމުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެމްޑީޕީން ބުނީ، އެ ޕާޓީގެ ހަރުގެ ކައިރީގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ ދެ ފިރިހެން އެކްޓިވިސްޓެއް ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ މާމިގިލީ ދާއިރާގެ ނައިބު ރައިސާ ނަސީރާ އާދަމް މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ބޭއްވި އެއްވުމެއްގައި ވެސް ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެއްބަޔަކު އަދި ވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ކޮންމެ ރެއަކު އިދިކޮޅު ހަރަކާތުން މާލޭގައި ދަނީ އެއްވުން ބާއްވަމުންނެވެ. އެކަމަކު އެ އެއްވުމަށް ކޮންމެ ރެއަކު ވެސް ވަކި ހިސާބަކުން ފުލުހުން ދަނީ ހުރަސް އަޅައި ރޫޅާލަމުންނެވެ. ނަމަވެސް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަންގެ ޖަލްސާތައް މިނިވަންކަމާއެކު އަންނަނީ ބާއްވަމުންނެވެ.

ޖަލު ހުކުމުގައި ތިއްބެވި ނުވަ ބޭފުޅަކު ދޫކުރުމަށް އަންގައި މި މަހުގެ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ އެ ބައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ބާކީ ތިން ފަނޑިޔާރުން ވަނީ ބާތިލް ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ، ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ނެގި ކަމުގެ ތުހުމަތުގަ އެވެ. އެ ދެ ބޭފުޅުން ވެސް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ.