21 ފެބުރުއަރީ 2018 - 08:39

ކުއްލި ހާލަތު އިއުލާންކޮށް ރައީސް އަބްދުﷲ ޔާމީން ނެރުއްވި ގަރާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ކުއްލި ހާލަތެއް އިއުލާން ކުރަން ޖެހޭ ފަދަ ހާލަތެއް އެބަ އޮތްތޯ ސުވާލު އުފެއްދުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް އެ ގަރާރުގެ ދަށުން ހިފަހައްޓާފައި އޮތުމަކީ ވެސް ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުމެކެވެ.

މަޖިލީހުން އިއްޔެ މިވަނީ އެ ގަރާރުގެ ފާސްކޮށް، އިތުރު 30 ދުވަހަށް ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން ނިންމައިފަ އެވެ. ރައީސް ޔާމީން ހުށަހެޅުއްވި ގޮތަށް ފާސްކުރުމުގެ ބަދަލުގައި މަޖިލީހުން އެ ގަރާރު ފާސްކުރީ ބައެއް ބައިތައް އުނިކުރުމަށް ފަހު އެވެ. އެގޮތުން މަޖިލީހުގެ ބައެއް ބާރުތަކާއި ސުޕްރީމް ކޯޓުގެ ބާރުތައް އެ ގަރާރުން ހިފަހައްޓާފައި އޮތް އޮތުން އުވާލައި، ބާރުތައް އަނބުރާ ދިނެވެ.
އެކަމަކު މިފަހަރު އެ ގަރާރު މަޖިލީހުން ފާސްކުރުމުގައި އަމަލުކުރި ގޮތުން އިތުރު ސުވާލުތަކެއް މިވަނީ ފެންމަތިވެފަ އެވެ. މިފަހަރު އުފެދުނު މައްސަލައަކީ ގަރާރު ފާސްކުރި މަޖިލީހުގެ ޖަލްސާގެ ގާނޫނީ އަދަދާ މެދު އުފެދުނު ސުވާލެވެ.
ގާނޫނު އަސާސީގެ 86 ވަނަ މާއްދާ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ އަދަދަކީ ޖުމްލަ މެމްބަރުންގެ ހަތަރު ބައި ކުޅަ އެއް ބައި ކަމަށްވާ 25 ޕަސެންޓެވެ. މިހާރު 85 މެމްބަރުންނާ އެކު އޮތް މަޖިލީހުގައި އެއީ 21 މެމްބަރުންނެވެ. މާނައަކީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ބޭނުންވަނީ މަދުވެގެން 21 މެމްބަރުން ހާޒިރުވެ ތިއްބެވުމެވެ. އެކަމަކު މި އުސޫލުން އިސްތިސްނާވާ ހާލަތެއް އޮވެ އެވެ.
ގާނޫނު އަސާސީގެ 87 ވަނަ މާއްދާ ބުނާ ގޮތުން ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ އެއްވެސް ކަމެއް ފާސްކުރަން މަޖިލީހުން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައި ކުޅަ އެއް ބައި މެމްބަރުން ތިއްބަވައިގެންނެވެ. އެއީ މިހާރުގެ އަދަދުން ނަމަ 43 މެމްބަރުންނެވެ. ގާނޫނު އަސާސީގެ އިތުރުން ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ މަޖިލީހުގެ ގަވާއިދުގައި ވެސް އެކަން ބަޔާން ކޮށްފައިވެ އެވެ. އެކަމަކު ކުއްލި ހާލަތުގެ ގަރާރު މަޖިލީހުން އިއްޔެ ފާސްކުރީ އެ އަދަދަށް މެމްބަރުން މަޖިލީހުގެ ހާޒިރު ތިއްބަވައިގެނެއް ނޫނެވެ.
ކުއްލި ހާލަތުގެ ގަރާރު ފާސްކުރަން މިދިޔަ ހޯމަދުވަހު މަޖިލީހުން ބޭއްވި ޚާއްސަ ޖަލްސާ އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. މަޖިލީހުގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދަކީ 41 އެވެ. އެހެންވެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަނި ތިއްބަވައިގެން ކުއްލި ހާލަތުގެ ގަރާރަށް ވޯޓަށް ނޭހޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން އޭރު ދިޔައީ ބުނަމުންނެވެ. އެކަމަށް ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ވެސް ފުރަތަމަ އެއްބަސްވި އެވެ.
އެކަމަކު ކުއްލި ހާލަތުގެ ގަރާރު މަޖިލީހުން އިއްޔެ ފާސްކުރީ ސަރުކާރު ކޯލިޝަންގެ 38 މެމްބަރުންގެ ވޯޓުންނެވެ. އެ ގަރާރަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެފައިވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަމުގެ ގޮތުގައި "ކުއްލި ހާލަތުގެ ގަރާރު" ނުހިމެނޭ ކަމަށެވެ. އެހެންވެ މަޖިލީހުގެ އާންމު ޖަލްސާއެކޭ (21 މެމްބަރުންނާ އެކު) އެއްގޮތަށް އެ ގަރާރަށް ވޯޓަށް އެހޭނެ ކަމަށް ނިންމައި، ގަރާރު ފާސްކުރީ އެވެ.
މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ ކުއްލި ހާލަތުގެ ގަރާރަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ އެއްޗެއްގެ ގޮތުގައި ބެލެވޭނެތޯ ނުވަތަ ނޫންތޯ އޮތް ސުވާލެވެ.
މަޖިލީހުން މިހާރު ނިންމާފައިވަނީ އެފަދަ ގަރާރަކަށް ވޯޓަށް އެހުމުގައި މަޖިލީހުގައި އޮންނަން ޖެހޭ ގާނޫނީ އަދަދާ މެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދާށެވެ. ކުއްލި ހާލަތުގެ ގަރާރު ދިރާސާކުރި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ބުނެފައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަމުގެ ތެރޭގައި ކުއްލި ހާލަތުގެ ގަރާރު ހިމެނިފައި ނެތް ކަމަށެވެ.
އެހެންވެ، މަޖިލީހުން ކުއްލި ހާލަތުގެ ގަރާރުގެ ފާސް ކުރުމުގައި މަޖިލީހުގެ ގާނޫނީ އަދަދުގެ ގޮތުގައި ބަލަނީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބުނާ ހަތަރު ބައި ކުޅަ އެއް ބައި މެމްބަރުން ކަމަށް އެ ކޮމިޓީން ބުނެ އެވެ. އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުނީ މަޖިލީހުގެ ބައެއް މެމްބަރުން އެކަމާ މެދު ސުވާލު އުފައްދަމުންދާތީ ކަމަށް ކޮމިޓީން ނިންމި އެވެ.
ކުއްލި ހާލަތުގެ ގަރާރަކީ ގާނޫނު އަސާސީން ލިބިދޭ ބައެއް އަސާސީ ހައްގުތައް ހިފެހެއްޓުމާ އެކު، ބައެއް ގާނޫނުތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލަން ނެރޭ ގަރާރެކެވެ. އެފަދަ ގަރާރަކުން ހިފަހައްޓާނީ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދޭ ހައްގުތަކެކެވެ. ކުއްލި ހާލަތުގެ ގަރާރު މިފަހަރު ނެރުއްވި އިރު ވެސް ބައެއް ހައްގުތައް ހިފަހައްޓައި، ބައެއް ގާނޫނުތަކަށް އަމަލު ކުރުން ވަގުތީ ގޮތުން އޮތީ ހުއްޓާލާފައި އެވެ. އެހެންކަމުން ކުއްލި ހާލަތުގެ ގަރާރަކާ މެދު ވޯޓަށް އެހުމުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ ކަމަކަށް ނުވަނީތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ.
މިސާލެއް ފާހަގަ ކޮށްލާނަމެވެ. ކުއްލި ހާލަތުގެ ގަރާރުގައި ހިފަހައްޓާފައިވާ ހައްގުތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 31 ވަނަ މާއްދާއިން ލިބިދޭ ހަޅުތާލު ކުރުމުގެ ހައްގު އޮތީ ހިމަނައިފަ އެވެ. މާނައަކީ ކުއްލި ހާލަތު ނިމުމަކަށް ނާންނަހާ ހިނދަކު ނުވަތަ ކުއްލި ހާލަތުގެ ގަރާރުން އެ ބައި އުނި ނުކުރާހާ ހިނދަކު ހަޅުތާލު ކުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެ އެވެ. އެކަމަކު ކުއްލި ހާލަތުގެ ގަރާރަށް ރައްޔިތުން އަމަލްކުރުން ލާޒިމް ނުވާ ނަމަ ރައްޔިތުންނަށް މިހާރު ހަޅުތާލު ވެސް ކުރެވޭނެ ކަމަށް، ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަނެ އެވެ.
ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުއްލި ނުރައްކަލުގެ ގަރާރަކީ އޭގެ ޒާތުގައި އެ މައްޗަށް ރައްޔިތުން އަމަލު ކުރުން ލާޒިމްވާ އެއްޗެކެވެ. އެހެންވެ، އެފަދަ ގަރާރެއް މަޖިލީހުން ފާސް ކުރެވޭނީ މަދުވެގެން 43 މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ކަމަށް އެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވަ އެވެ.
"ސާޅީސް ތިން މެމްބަރުން ތިބެގެން ވޯޓު ނަގަން ޖެހޭނީ. އެ ނޫން ގޮތަކަށް ތިބެގެން މަޖިލީހުން ނަގާ ވޯޓަކީ ސައްހަ ވޯޓެއް ކަމަކަށް ނުވާނެ،" ގާނޫނީ ވަކީލް އަދި ގާނޫނު އަސާސީ އިސްލާހުކުރި ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އަހުމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ގަރާރު މަޖިލީހުން ފާސް ކުރިޔަސް، އިދިކޮޅު ކޯލިޝަނުން ދެކޭ ގޮތުގައި ކުއްލި ހާލަތުގެ ގަރާރު އޭގެ ޒާތުގައި މިހާރު ވަނީ ފާސް ނުވެ، އުވިފަ އެވެ. ސަބަބެއްގެ ގޮތުގައި ދައްކަނީ 43 މެމްބަރުން ހާޒިރުވެ ނެތީސް އެ ވޯޓަށް އެހުމެވެ. އެހެންވެ، ކުއްލި ހާލަތުގެ ދަށުން އަޅާފައި ހުރި ހުރިހާ ފިޔަވަޅުތަކެއް މިހާރު ބާތިލްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލުކުރެ އެވެ.
"މިއަށް ވުރެ ރައްޔިތުންނާ ސީދާ ގުޅޭ ކަމެއް މަޖިލީހަށް ހުށަހެޅިގެން ފާސްކުރާކަށް ނުޖެހޭނެ. މި ދައްކަނީ ގާނޫނު އަސާސީގައި ހުރި އަސާސީ ހައްގުތަކެއް ވަގުތީ ގޮތުން ހިފަހައްޓާ ވާހަކަ. މިވަރު ކަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ދާއިރު ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި އެ ބުނާ އަދަދު، އެއީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަން އެބަ ޖެހޭ،" އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެފައިވެ އެވެ.
ކޮންމެއަސް ކުއްލި ހާލަތުގެ ގަރާރާގެ ސައްހަކަމާ މެދު އަނެއްކާވެސް މިވަނީ ސުވާލުތަކެއް ފެންމަތިވެފަ އެވެ. އެފަދަ ގަރާރެއް މަޖިލީހުން ފާސް ކުރުމުގައި، އެއީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ އެއްޗަކަށް ވާނެތޯ ނުވަތަ ނޫންތޯ މިއީ ވެސް ބޮޑު ސުވާލެކެވެ. ދެން އޮތީ ސުޕްރީމް ކޯޓުން ދޭ ލަފައަކަށް އިންތިޒާރު ކުރުމެވެ.