16 ޖުލައި 2016 - 00:58

ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 18 އަހަރުން ދަށުގެ ބައިން ރާއްޖޭގެ ޖޫނިއާ އަންހެން ޓީމު ރިހި މެޑަލް ހޯދައިފި އެވެ.
ޕާކިސްތާނުގެ ކަރާޗީގައި މިއަދު ފެށި މުބާރާތުން އައިޝަތު ރަފާ ނާޒިމާއި ލައިސާ ފަތުހުﷲ އާއި އައިމިނަތު މަލީޝާ މުއާޒް ހިމެނުނު ޓީމުން ރިހި މެޑަލް ހޯދީ ޕާކިސްތާނާއި ނޭޕާލްގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ.
މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން އަތުން 3-2 އިން ރާއްޖެ މޮޅުވިއިރު ފަހު މެޗުން މިރޭ ނޭޕާލް އަތުން މޮޅުވީ ވެސް ހަމަ މި ނަތީޖާ އިންނެވެ.
ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމް ރާއްޖޭގެ ރަފާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ދެ ވަނަ ގޭމާއި ތިން ވަނަ ގޭމުން ލައިސާ އަދި މަލީޝާ ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ޕާކިސްތާން ލީޑު ނަގާފައިވަނިކޮށް ރާއްޖޭން މެޗު ކާމިޔާބުކުރީ ރަފާ އަދި ލައިސާ ފަހު ދެ މެޗު ސީދާ ތިން ގޭމުން ކާމިޔާބުކުރުމުންނެވެ.
މީގެ ތެރެއިން ރަފާ އަކީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ސީނިއާ ޓީމުގައި ވެސް ހިމެނުނު، އަދި ރާއްޖޭގެ އެންމެ އުއްމީދީ އަންހެން ކުޅުންތެރިޔާ އެވެ.
ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ޔާސިރު ކޯޗުކޮށްދޭ މި ތިން ކުޅުންތެރިންގެ ޓީމުން އަންނަނީ 15 އަހަރުން ދަށް ނުވަތަ ކެޑޭޓް ކެޓަގަރީގައި ވެސް ވާދަކުރަމުންނެވެ. ފުރަތަމަ މެޗުން މިއަދު ޕާކިސްތާން އަތުން މޮޅުވެފައިވާއިރު މާދަމާ ނޭޕާލް އަތުން މޮޅުވެއްޖެ ނަމަ އެ ކެޓަގަރީން ވެސް ރިހި މެޑަލް ލިބޭނެ އެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމު ބައިވެރިވީ 18 އަހަރުން ދަށުގެ ބައިގަ އެވެ. މުހައްމަދު ޝައްފާނާއި ނިބްރާސް މުހައްމަދު ޝަފީގް އަދި އަހުމަދު ޒައިދާން މުހައްމަދު ހިމެނޭ ޓީމް ވަނީ ސްރީ ލަންކާ، ނޭޕާލް އަދި ޕާކިސްތާން އަތުން ބަލިވެފަ އެވެ.