21 ފެބުރުއަރީ 2018 - 06:23

އާދިއްތަ ދުވަހާ ގުޅޭ
އަހަރެން މާލެ ދޫކޮށްލީ އަހަރެންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ޓަކައެވެ. މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ މައިންބަފައިންނާ ދުރަށް ދިޔައީ، އަހަންނާއި ހުމޭރުގެ ލޯތްބަށް ދިރުން ގެނައުމަށް ޓަކައެވެ. ހަޔާތުގެ ޅެންބައިތު އަސަރު ގަދަކުރުމަށް ޓަކައެވެ. އަހަރެން ބޭނުންވީ ލޯބީގެ ސާދާ ދިރިއުޅުމެއް އުޅޭށެވެ. ބައްޕަ ދެމުންއައި ފައިސާގެ އެހީ، ހުމޭރުގެ ކައިވެންޏާއެކު ހުއްޓައިލިއެވެ. އެހެން ވާނެކަން މާ ކުރިން ވެސް އަހަންނަށް އެނގެއެވެ. އަހަންނަށް ފައިސާ މުހިންމެއް ނޫނެވެ. އަހަންނަށް މުހިންމީ ހުމޭރެވެ. އޭނަގެ ލޯތްބެވެ. ލޯބިވެރިންނަކީ އެހެން ކަންކަމާ ބިރުގަންނަ ބައެއް ނޫނެވެ. ފިނޑިންނަކަށް ލޯތްބެއް ނުވެވޭނެއެވެ. ހުމޭރަށް ވިސްނައިދިނީ އަހަންނެވެ.
އަހަންނަށް ލިބުނީ ވަރަށް ހެޔޮ ބަފައިބެއެކެވެ. މައިދައިތަ ވެސް ހަމަ އެހާ ހެވެވެ. ދޮވެއިސްތިރިކުރާކަށް އަހަންކަށް ނުޖައްސައެވެ. އަމިއްލައަށް ފެނިގެން ދާއަންނައުނުތައް މައިދައިތަ ގެންދެއެވެ. މާލޭގެ ޤަދަރުވެރި، މުއްސަނދި ޢާއިލާއެއްގެ ކުއްޖަކާ ހުމޭރު ކައިވެނިކުރުމަކީ އެ މީހުން ދުށްގޮތުގައި ލިބުނު ޝަރަފެކެވެ. ހުމޭރަށް ލިބުނު ވަރުގެ ނަސީބެއް އެ ރަށުގެ އެހެން މީހަކަށް ނުލިބެއެވެ. އަހަރެން އަންނާތީ ބަފައިބެ ހުރީ ކޮޓަރިއާއި ފާޚާނާ ހަދައިފައެވެ. ފަރުނީޗަރު ހަމަކޮށްފައެވެ. އަހަންނާ ހެދި ބަފައިބެ އުޅެނީ ވަރަށް ވަރަކުންނެވެ. ގޭގައި އިތުރު ދެބެން ތިބެއެވެ. އޭގެ ތެރެއިން އަޝްފާޤަކީ ހުމޭރުގެ ބޭބެއެވެ. އަޝްފާޤުގެ އަނބިދަރީން ވެސް އުޅެއެވެ. އެ މީހުންގެ ދިރިއުޅުމާއި އަހަރެންގެ ދިރިއުޅުން އަޅާކިޔައިލައިފި ނަމަ އުޑާބިމާހާ ތަފާތެވެ. އެކަމަކު، އަޝްފާޤުގެ ޢާއިލާ އަހަންނާ ވަރަށް ގުޅެއެވެ. އަހަރެން ހެދުންއަޅާ ގޮތްތަކާއި، އަހަރެން މޭކަޕްކުރާ ގޮތާއި، ނަގާ ފޮޓޯތައް ވެސް އެ މީހުންނަށް ވަރަށް ކަމުދެއެވެ. ދެން ހުންނަނީ ޒުހުރާއެވެ. އޭނައަކީ ހުމޭރުގެ ކޮއްކޮއެކެވެ. ޒުހުރާއަށް ވުރެ ބޮޑަށް އަހަރެން ދެކެ ބަފައިބެއާއި މައިދައިތަ ލޯބިވާތީ ޒުހުރާ ހުންނަނީ ތުންފިއްތައިގެންނެވެ. އަހަރެން ވަރަށް ދޮނެވެ. ޚާއްޞަކޮށް ގޭގެ އެހެން މީހުންނާ އަޅާބަލާއިރު އަހަރެން ހުންނަނީ ދިއްލިފައެވެ. މި ކަން ވެސް ޒުހުރާއަކަށް ހަޖަމެއް ނުވެއެވެ. ދޭތެރެއަކުން އަހަންނަށް ކޮންމެވެސް ޖެއްސުމެއް ކޮށްލައެވެ. ވާހަކައެއް ހަދައިލައެވެ. މަލާމާތުގެ ބަހެއް ބުނެލައެވެ. ކިތަންމެ ފަހަރަކު އަހަރެން ހިތަށްއަރައެވެ. ޒުހުރާ ގާތުގައި އަހައިފާނަމެވެ. ޒުހުރާ ހިފަން ބޭނުންވަނީ ކޮން ކަމެއްގެ ބަދަލު ހެއްޔެވެ؟
އަހަންނަށް އުނދަގޫވާން ފެށިއެވެ. ޒުހުރާ ބޭނުންވަނީ އަހަރެން ރުޅިއަރުވަންކަން ވެސް އެނގެއެވެ. އޭނައަށް އެ ފުރުޞަތު ނުދޭން ވެސް ބޭނުމެވެ. އެކަމަކު ޒުހުރާއާ ނުބެހޭ ކަމެއް ނެތެވެ. މާލޭގައި އުޅުނުއިރު އަހަރެން ވެއަތުކުރީ ޕްރިންސަސްއެއްގެ ދިރިއުޅުމެވެ. އޮޔެއްވަޔެއް، ފިކުރެއްޚިޔާލެއް ނެތެވެ. ބޭނުން އިރަކު ނިދައިފައި ބޭނުން އިރަކު ތެދުވަންވީއެވެ. ކޮފީތަށި ހަދައިދޭނީ މަންމައެވެ. ގަޑިންގަޑިއަކަށް އަހަރެން ނުކަމެވެ. އަހަރެން ކަނީ އެ ވަގުތަކު އަހަރެން ކާހިތްވާ އެއްޗެކެވެ. ބައެއް ފަހަރު ޕިއްޒާއެވެ. ނުވަތަ ބާގަރއެކެވެ. އަނެއްބައި ފަހަރު ސަބްމެރީނެއް ނުވަތަ ސްޕެގެޓީއެކެވެ. ކެއްކުމަކީ އަހަރެން ކުރަންޖެހޭ ކަމެއް ނޫނެވެ. ދޮވެއިސްތިރި ކުރުމަކީ އަހަރެން ދަންނަ ކަމެއް ނޫނެވެ. މާލޭގައި އުޅުނުއިރު އެ ކަންކަމާ ދޭތެރެއަކު އަހަރެން ނުވެސް ވިސްނަމެވެ. އަހަރެން ހެދުން ބަދަލުކުރަން ބަލައިލާއިރު ހެދުން ހުންނާނީ ދޮވެއިސްތިރިކޮށް ކޮނޑުގައި އަޅުވައިފައެވެ. ޕިއްޒާއެއް ކެއުމަށް ޓަކައި އަހަރެން ހަމައެކަނި ކުރަންޖެހޭ ކަމަކީ އޯޑަރުދިނުމެވެ. ފައިސާދިނުމަކީ ވެސް މަންމަގެ ކަމެކެވެ. ކޮޓަރީގެ ދޮރުގައި މަންމަ ޓަކިޖަހާލީމައި އަހަރެން ނުކުންނައިރު ހޫނު ޕިއްޒާ އޮންނާނީ އަހަންނަށް ގޮވަގޮވައެވެ. ކައިގެން ގޮސް އަނެއްކާ ވެސް އެނދުގައި އޮށޯވެ ފޯނުން ޗެޓުކުރަން އޮތީމައި ނިމުނީއެވެ. ޒުހުރާގެ ނަޒަރުގައި އަހަންނަކީ ކަންނެތް ފުޅައެކެވެ.
މާލޭގައި އަހަރެން އުޅޭ ކޮޓަރީގެ އޭސީ ނިއްވައެއް ނުލަމެވެ. ރަށުގައި ހުރީ ފަންކާއެކެވެ. އެ ވެސް ބަހައްޓާ ފަންކާއެކެވެ. އަހަންނަށް އެ މައްސަލަ ބޮޑުވާން ފެށިއެވެ. އިރުއިރުކޮޅާ ގެއިން ކަރަންޓު ދެއެވެ. ފަންކާއިން ލިބޭ ކުޑަ ފިނިކޮޅުން ވެސް ގިނަ ވަގުތު އަހަރެން ހުންނަނީ މަހުރޫމްވެފައެވެ. ރަށަށް އައިތާ ފުރަތަމަ ދެތިން ދުވަހު ގަސްދޮށަށް ނުކުމެލައިގެން ފުއްދައިލީމެވެ. ކަރަންޓުދިޔުން އާންމުކަމަކަށް ވާން ފެށުމުން ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. އެކަމަކު، ކުޑަމިނުން އެ ކަމާ ޝަކުވާ ކުރާނެ މީހަކު ވެސް ނެތެވެ. ވީމާ، ކެތްކޮށްލައިގެން ހުރީއެވެ.
އަހަރެން ކުރާހާ ވެސް ކަމަކީ ހުމޭރުގެ އަތުގައި ހިފައިގެން ގޮނޑުދޮށުގައި ދެކޮޅަށް ހިނގުމެވެ. ބީއްސާ ރާޅުތަކާ ވާހަކަދެއްކުމެވެ. އުދުހޭ ދޫނި ކިޔާ ލަވަތައް އަޑުއެހުމެވެ. ޖެހޭ ވައިރޯޅީގައިވާ ލޯބީގެ މީރުވަސް އިހުސާސް ކުރުމެވެ. ފޮތް ކިޔަން ޖޯލީގައި ނުވަތަ އުނދޯލީގައި އޮންނަމެވެ. އެކި ގޮތްގޮތަށް ފޮޓޯނަގައި އެހެން މީހުންނަށް ދައްކަމެވެ. މީސްމީޑިޔާއިން އެހެން މީހުންނަށް އަހަރެން ފެންނާނީ ސުވަރުގެއެއްގައި އުޅޭ ތަނެވެ. އަހަންނަށް ޓަކައި ހުމޭރުގެ މައިންބަފައިން ކިތަންމެ ފަޚުރުވެރި ވިޔަސް އެ މީހުންނަށް ލިބުނީ ކާނެ އިތުރު ދެ އަނގައެވެ. އެ ނޫން އެހެން އެއްޗެއް ނެތެވެ.
ހުމޭރު ވަޒީފާއެއް ހޯދިއެވެ. ކޮންމެ ދުވަހަކު ހެނދުނު ދާގޮތަށް ހުމޭރު އަންނަނީ ހަވީރުއެވެ. ލިބެނީ ވަރަށް އާދައިގެ މުސާރައެކެވެ. ނުވާތާކަށް ގެއަށް ވެސް ކޮންމެވެސް އެއްޗެއް ހުމޭރު ދޭންޖެހެއެވެ. ބާކީ އޮންނަނީ ވަރަށް މަދު ފައިސާކޮޅެކެވެ. ރަށުގައި އަހަރެން އުޅޭތާ ހަވަނަ މަސް ފުރުނުއިރު އަހަރެން ފޫހިވާން ފަށައިފިއެވެ. އެކަނިވާން ފެށިއެވެ. ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ. ގެނައި މޭކަޕްސާމާނު ހުސްވާން ފަށައިފިއެވެ. އަލުން ގެނެވޭނެ ގޮތެއް ނެތެވެ. ގެނައި ދެތިން ހެދުން ފިޔަވައި އެހެން ހެދުމެއް ގަންނަ ވަރަކަށް ލާރިއެއް ނެތެވެ. އަހަރެން ދުށް ފިލްމުތަކާއި ކިއި ހުވަފެނީ ވާހަކަތަކާ ރަށާ އެއްވެސް ގުޅުމެއް ނެތެވެ. ރާޅު ވާހަކައެއް ނުދައްކައެވެ. އެއްގަމަށް ރާޅު ބިންދަނީއެވެ. ދޫނި ލަވައެއް ނުކިޔައެވެ. ކާޅު ލަވަނީ ހަޅޭކެވެ. ވައިރޯޅީގައި ލޯބީގެ މީރުވަހެއް ނެތެވެ. ވައިރޯޅިން ދުވަނީ އަވީލައިފައި ހުންނަ މަސްވަހެވެ. އަހަރެންގެ ހިތް ބުނަން ފަށައިފިއެވެ. ކުޑަކުޑަ ރަށެއްގައި އަހަންނަކަށް ނޫޅެވޭނެއެވެ. އަހަރެން މި އުޅެނީ އަހަރެންގެ ދިރިއުޅުމެއް ނޫނެވެ. ހުމޭރު ގާތުގައި އެ ވާހަކަ ބުނަންބުނަން ހުއްޓައި ކުއްލިއަކަށް މޭނުބައިކޮށްފައި ހޮޑުލަވަން ފެށިއެވެ.
ޞިއްޙީމަރުކަޒަށް ގޮސް ޓެސްޓު ހެދިއިރު އަހަރެން ބަނޑުބޮޑެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މައިދައިތަ ވަރަށް އުފާވިއެވެ. ހުމޭރާއި ބަފާބެ ވެސް ހަމަ އެ ފަދައެވެ. އަހަރެން ކާހިތްވަނީ ޕިއްޒާއެވެ. ނުލިބޭނެކަން އެނގެއެވެ. އެކަމަކު އެހެން އެއްޗެއް ކާހިތެއް ނުވެއެވެ. އެންމެ ފަހުން އަހަންނަށް ރޮވެން ފެށިއެވެ. ރުޅި ގަދަވާން ފެށިއެވެ. ހީވަނީ ކަރުހިއްކައިގެން ހުރެ ފެނުން ކަރުހިއްކުން ނުފިލާހެންނެވެ. ކުއްޖަކު ލިބުނީމައި ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލާ ދޭތެރޭގައި ވިސްނާވިސްނާ އަހަރެން ބޮލުގައި ރިއްސަން ފެށިއެވެ. ހުމޭރު ހީކުރަނީ އަހަރެން ރުޅިގަދަވަނީ ޕިއްޒާ ނުލިބިގެން ކަމަށެވެ. އެހެން ސަބަބެއް ނެތްކަމަށެވެ.
"މަށަކަށް ނޫޅެވޭނެ މި ތާކު،" އެންމެ ފަހުން އަހަރެން ބުނީމެވެ. "ވަރަށް ހިތްވަރުކޮށްފިން. ދެން ނުވާނެ."
ހުމޭރުގެ އަނގަ ބަންދުވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. އެ ދުވަހަކީ ހޫނު ގަދަ ދުވަހެކެވެ. ކޮޓަރިތެރެ ކެކެނީއެވެ. ފަންކާއެކޭ ނެތް އެއްޗެކޭ އެއްވަރެވެ. އެ ވަގުތު ހިތަށްއެރިއެވެ. އޭސީ ހުރި ނަމަ ކޮންފަދަ ހެއްޔެވެ؟ އަހަރެން ތެދުވެގެން ގޮސް ދޮރުތައް ހުޅުވައިލީމެވެ. އެ ރަށަށް އައިއިރު ދޮރުތަކުން ފިނި ރޯޅި ވަދެއެވެ. އަހަރެން ހިތްހަމަނުޖެހުމުން ރޯޅީގެ އިހުސާސެއް ނުވެއެވެ.
"ކިހިނެއް މި ހޫނުގަ ކެތްކުރާނީ؟" އަހަރެން ބުނީމެވެ. "މީ އިންސާނަކަށް އުޅެވޭ ވަރުގެ ތަނެއް ނޫނެއްނު."
އަހަރެން ވާހަކަދައްކަދައްކާ ހުއްޓައި ކުކުޅެއް ކުޑަދޮރަށް އެރިއެވެ. އެ ވެސް އާންމުކޮށް ވާކަމެކެވެ. ކޮޓަރިއަށް ފުރަގަސްދީފައި ތަޅުންގަނޑަށް ނަޖިސްގުޅައެއް ޖެހިއެވެ. އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ.
"ދެން އެކަމަކުވާ ހަފޫ،" ހުމޭރު ބުންޏެވެ. "އެއީ އަލަށްވާ ކަމެއްތަ؟"
"ވަރަށް ފަކުރުގަނޭ!" އަހަރެންނަށް ބުނެވުނެވެ. "މި ގޭ މީހުންނަށް ވަރިހަމަވާނެ ކޮންމެ ގޮތެއް ވިޔަސް. މަށަކަށް މި ތާކު ނޫޅެވޭނެ."
ކޮޓަރީގައި އޮންނަނީ ތަޅުންއަޅައި ތަށިމުށިޖަހައިފައެވެ. އެކަމަކު މުޅި ގޯތިތެރޭގައި އޮންނަނީ ކުކުޅު ނަޖިހެވެ. ބައެއް ފަހަރު ހީވާ ކަހަލައެވެ. އަހަރުމެން ތިބޭ ތަނަކަށް ކުކުޅު ވަންނަނީއެއް ނޫނެވެ. އަހަރުމެން ކުކުޅުކޮށްޓެއްގެ ތެރޭގައި ދިރިއުޅެނީއެވެ.
"އެކަމަކު އެންމެ ފުރަތަމަ ހަފޫ މި ގެއަށް އައިއިރު ވެސް ތި ހުރިހާކަމެއް ހުއްޓެއްނު!" ހުމޭރު ހަނދާންކޮށްދިނެވެ.
"ހުއްޓޭ!" އަހަރެން އެއްބަސްވީމެވެ. "އެކަމަކު އަހަރެން ހީކުރީ ފަހުން ރަނގަޅުވާނޭ. ނުވި. ދެން ހީކުރީ އަހަރެން ހޭނޭނޭ. އެ ކަމެއް ވެސް ނުވި."
ދެބަސްވުން ކޮޅެއްގައި ނުޖެހުނެވެ. އަހަރެން އެދޭ ކަންކަން ހުމޭރަށް ކޮށްދެވޭނެކަމަކަށް ނުވިއެވެ. ހުމޭރުގެ ލަފާ އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. ބަނޑުބޮޑުވުމުން އެތައް އެއްޗަކުން އަހަންނަށް ނުބައިވަސް ދުވަން ފެށިއެވެ. ގޭގައި ރިހާކުރު ކައްކައެވެ. ގަރުދިޔަ ކައްކައެވެ. ހުރިހައި އެއްޗަކުން އަހަންނަށް ނުބައިވަސް ދުވައެވެ. އެންމެ ނުބައިވަސް ދުވަނީ ބަނބުކެޔޮ ތެއްލާއިރުއެވެ. ހަފުތާއަކު ތިން ދުވަހު އެ ކަމެއް ވެސް ކުރެއެވެ. މާލެއަށް ގެންގޮސް ވިއްކުމަށް ޓަކައެވެ. އަހަންނަށް ނުބައިވަސް ދުވިއެކޭ ކިޔައިފައި އެ ކަމެއް ނުއެއް ހުއްޓިއެވެ. އާމްދަނީއާ ގުޅިފައިވާ ކަމަކަށް ވީތީއެވެ. އަހަރެން ކާހިތްވަނީ ތަރުކާރީއެވެ. ކެރެޓާއި، ކެބެޖާއި، ބީންސާއި، ބްރޮކްލީއެވެ. ލިބެނީ ތޮރަޔާއި، ބަރަބޮލާއި، ބަށްޓެވެ. މުރަނގަތޮޅިޔާއި، ކައްޓަލައާއި، އަލައާއި، ޗިޗަންޑާއެވެ. އާފަލާއި، މޭބިސްކަދުރާއި، އޮރެންޖު ވެސް ކާހިތްވެއެވެ. ލިބެނީ ފަޅޮލާއި، ދޮންކޭލެވެ. މަދު ފަހަރެއްގައި އަނބެއް ނުވަތަ ޖަންބެއް ކަހަލަ އެއްޗެއް ލިބިދާނެއެވެ. އަހަންނަށް މީރުވަނީ ނުލިބޭ ހުރިހައި އެއްޗެކެވެ. ލިބޭ އެއްޗެއް ވިއްޔާ އެ އެއްޗަކުން އަހަރެން މޭނުބައިކުރެއެވެ. ކިތަންމެ ބަނޑުހައިވެގެންހުރެ ކާން އިށީނަސް، ބަރަބޯރިހައެތި ފެނިފައި އޯކަށްދެމެން ފެށުމުން ތެދުވެގެން ވަންނަންޖެހެނީ ފާޚާނާއަށެވެ. ސޭންޑްވިޗެއް ބޭނުންވެގެން ރޯން ފެށުމުން ޕާނެއް ވެސް ރަށަކުން ނުލިބެއެވެ. ޕާނެއް ލިބޭ ފަހަރު މަސްދަޅެއް ނުހުރެއެވެ. ގަރުދިޔަމަސް ނުވަތަ ވަޅޯމަހުގައި ސޭންޑްވިޗް ހަދާނީ ކިހިނެއް ހެއްޔެވެ؟
ނުނިމޭ