20 ފެބުރުއަރީ 2018 - 18:36

ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމް "ވަކިން ލޯބިން" އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، ފިލްމްގެ އާ ޓްރެއިލާއެއް އަނެއްކާ ބެސް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ފުރަތަމަ ޓްރެއިލާ ބޮޑަށް އޮތީ ލީޑް އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) އާއި ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) ގެ ލޯބީގެ ގުޅުން "މަޖާ ކޮފީއަކުން" ފެށިގެން އައުމާއި ކައިވެނިކޮށް، ދަރިއަކު ވެސް ލިބޭ ފަހުން ވަރިފަށަށް އަރައި ޖުމަލް، މަޖޫ ގެއިން ނެރެލާ ހިސާބަށެވެ.
ކުރިން ވެސް ޑާކް ރެއިނުން ބުނި ގޮތަށް އަލީ ޝިފާއު (ޗިއްޕެ)، އައިޝަތު ފުއާދު ތައުފީގުގެ ސްކްރިޕްޓަކަށް ޑައިރެކްޓްކޮށްފައިވާ "ވަކިން ލޯބިން" އަކީ ފެމިލީ ޑްރާމާއެކެވެ. މީގައި ކިޔައި ދޭނީ އާއިލާތަކެއްގެ ތެރޭގައި ހިނގާ ކަންތައްތަކެވެ. އާ ޓްރެއިލާ މި ފަހަރު މިއޮތީ ވާހަކައިގެ އިތުރު ތަސައްވުރެއް ގެނެވޭ ކަހަލަ ގޮތަކަށް ގެނެސް ދީފަ އެވެ. އާ ކެރެކްޓާތަކާއި، ބައެއް ޑައިލޮގްތައް ވެސް މި ޓްރެއިލާއިން އިވިގެން ދާނެ އެވެ.
އާ ޓްރެއިލާ ބަލައިލުމުން "ވަކިން ލޯބިން" އަކީ ބެލުންތެރިން ޖަޒުބާތުތަކުން ފޯކޮށްލާނެ ކަހަލަ ފިލްމަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ފިލްމްގެ ވަރަށް މުހިއްމު ރޯލަކުން ކުޑަކުއްޖަކު ފެންނާތީ ވެސް މިއީ ފިލްމް ބަލައިލަން އިތުރަށް ޝައުގުވެރިކަން ގެނުވާނެ ކަމެކެވެ. ޑާކް ރެއިނުން މި ފަހުން ގެނެސް ދިން ބައެއް އެހެން ފިލްމްތަކާ ހިލާފަށް "ވަކިން ލޯބިން" ވެގެން ދާނީ ވަރަށް "މެޗްއާ" އަދި ސީރިއަސް ފިލްމަކަށެވެ.
ޖުމަލް އާއި މަޖޫއާ އެކު މި ފިލްމްގެ ވަރަށް މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެން ދާނެ އެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ހަދީޖާ އިބްރާހީމް (ކުޑަހައްޖަ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އިބްރާހީމް އަމާން އަދި އިބްރާހީމް ޝާފިއު (ފުބޫ) ފަދަ ތަރިން ހިމެނެ އެވެ.
އަންނަ މަހުގެ 5 ގައި އަޅުވާ ފިލްމްގެ ޓިކެޓް އޮލިމްޕަހުން މިހާރު އަންނަނީ ވިއްކަމުންނެވެ. ބެލުންތެރިންނަށް ފިލްމްގެ ޕްރިމިއާ ޝޯ އިން 10 ޓިކެޓް ހިލޭ ހޯދޭނެ ފުރުސަތު ވެސް ޑާކް ރެއިނުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އެގޮތުން ސޭންޑްވިޗް ބާއިން ޓޭކްއަވޭއެއް ނުވަތަ އެތަނުގައި ކާލުމުން ގުރުއަތެއްގައި ބައިވެރިވެވޭ ކޫޕަނެއް ކަސްޓަަމަރުންނަށް ލިބޭނެ އެވެ. ކޫޕަން ފުރާލުމުން ގުރުއަތަށް ދާނެ އެވެ. ޓޭކްއަވޭ ކޮތަޅުގައި ހުންނާނީ "ވަކިން ލޯބިން" ގެ ލީޑް ދެ ތަރިންގެ ފޮޓޯ ވެސް ޖަހައިފަ އެވެ.
އަންނަ މަހުގެ 2 ވަނަ ދުވަހު ގުރުލުމަށް ފަހު، ހޮވޭ ފަސް ކަސްޓަމަރަކަށް ޓިކެޓް ލިބޭނެ އެވެ. އެއީ ކޮންމެ ކަސްޓަމަރަކަށް ދެ ޓިކެޓެވެ.
ޑާކް ރެއިނުން ބުނީ "ވަކިން ލޯބިން" ގެ ޓިކެޓް އޮލިމްޕަހުން ވެސް މިހާރު ވަރަށް ބާރަށް ވިކެމުން އަންނަ ކަމަށާއި ފިލްމަށް ލިބޭ ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މާލޭގެ އިތުރުން ވަރަށް ގިނަ ރަށްރަށުގައި ވެސް ފިލްމް އަޅުވަން ޑާކް ރެއިނުން ވަނީ ނިންމައިފަ އެވެ. އެގޮތުން ބައެއް އަތޮޅުތަކަށް ފިލްމްގެ ބައެއް ތަރިން ވެސް ދާނެ އެވެ.