20 ފެބުރުއަރީ 2018 - 16:53

ރާޖަސްތާން (ފެބްރުއަރީ 20) - އިންޑިއާގެ ހުޅަނގުގެ ރާޖަސްތާން ސްޓޭޓުގައި ކައިވެނި ހަފުލާއެއް ކުރިއަށް ދިޔަ އިމާރާތުގައި ގޭސް ސިލިންޑަރެއް ގޮވުމުން މަރުވި މީހުންގެ އަދަދު 18 އަށް އަރައިފި އެވެ.
ގޭސް ސިލިންޑަރު ގޮވާފައި ވަނީ ބީވާރް ސިޓީގެ ހޮޓަލެއްގަ އެވެ. ސިލިންޑަރު ގޮވުމާ އެކު ތިން ބުރި އިމާރާތް ބިމާ ހަމަވެ މުޅި ތަނުގައި އަލިފާން ރޯވި ކަމަށް އޮފިޝަލުން ބުނެ އެވެ.
ގޭސް ސިލިންޑަރު ގޮވުމުން ވަރަށް ބޮޑަށް ޒަޚަމްވި ފަސް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް އަޖްމަރު ޑިސްޓްރިކްޓުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިޝަލް ގޯރަވް ގޯޔަލް ވިދާޅުވި އެވެ.
އެންޑީޓީވީން ބުނީ ގޭސް ސިލިންޑަރު ގޮވާފައި ވަނީ ކެނިސްޓާއެއް ރިފިލް ކުރަން ކައްކާއަކު މަސައްކަތް ކުރަނިކޮށް ކަމަށެވެ.
ރާޖާސްތާނުގެ ޗީފް މިނިސްޓަރު ވަނީ ހޮސްޕިޓަލުގައި ތިބި މީހުންނަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި އެ ހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް 200،000 ރުޕީސް (3،106 ޑޮލަރު) ދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.