20 ފެބުރުއަރީ 2018 - 16:31

ލޮހީތު (ފެބްރުއަރީ 20) - އިންޑިއާގެ އިރު އުތުރުގެ ސްޓޭޓެއްގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމަށް ތުހުމަތު ކުރެވުނު ދެ މީހަކު ޕޮލިސް ސްޓޭޝަނެއްގައި އިންދާ ބަޔަކު ވަދެ އެ ދެ މީހުން ނެރެ ތަޅައިގަތުމަށް ފަހު މަރާލައިފި އެވެ.
އަރަނަޗަލް ޕްރަދޭޝްގެ ލޮހީތު ޑިސްޓްރިކްޓުން ގެއްލުނު ކުޑަ ކުއްޖާ ފެނުނު އިރު އޮތީ ރޭޕް ކުރުމަށް ފަހު މަރާލައިފަ އެވެ. އެ ކުއްޖާގެ މަރާ ގުޅިގެން އެ ސްޓޭޓުގައި ގިނަ ބަޔަކު ވަނީ ރުޅިގަދަވެ ގާތިލުން ހޯދުމަށް ގޮވާލައިފަ އެވެ.
ކުއްޖާ މަރާލި ކަމަށް ތުހުމަތުކޮށްފައި ވަނީ އަވަށްޓެރި އާސާމް ސްޓޭޓުގެ ދެ ދަނޑުވެރިއަކަށެވެ. އެ ދެ މީހުންނާ ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަކަށް ހާޒިރުކޮށްފައި ވަނިކޮށް ބަޔަކު ވަދެ އެ ދެ މީހުން ނެރެ މަރުތެލުންނާއި ހިލައިން ތަޅާ ވަނީ މަރާލައިފަ އެވެ.
ޕޮލިސް ސްޓޭޝަނަށް ބަޔަކު ވަދެގަންނަން އުޅުމުގެ ތެރޭގައި 15 މީހަކު ވަނީ ޒަޚަމްވެފަ އެވެ. ދެ މީހުން މަރާލި ހާދިސާގައި އަދި އެކަކު ވެސް ހައްޔަރެއް ނުކުރެ އެވެ.
ކުޑަ ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރާއި 25 އަހަރުގެ ދެ މީހުންނެވެ. ފުލުހުން ބުނީ އެ ކުއްޖާ މަރާލި ކަމަށް އެ ދެ މީހުން އެއްބަސްވެފައިވާ ކަމަށެވެ.