ތޫފާން އެރުމުން ނިއު ޒީލެންޑުގައި ކުއްލި ހާލަތު އިއުލާންކޮށްފި
ތޫފާން އެރުމުން ނިއު ޒީލެންޑުގައި ކުއްލި ހާލަތު އިއުލާންކޮށްފި

ކްރައިސްޗާޗް (ފެބްރުއަރީ 20) - ގީތާގެ ނަން ކުރިން ދީފައިވާ ތޫފާން އަރާތީ ނިއު ޒީލެންޑުގެ ސައުތު އައިލެންޑުގެ ކްރައިސްޗާޗް އާއި އިތުރު ދެ އަވަށެއްގައި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާންކޮށްފި އެވެ.

ތޫފާން އެރުމުން ސައުތު އައިލެންޑުގެ ވަރަށް ގިނަ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އެއްގަމު ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. ނިއު ޒީލެންޑުގެ ގައުމީ އެއާލައިނުން ވަނީ ވެރިރަށް ވެލިންޓަނަށް ކުރާ ހުރިހާ ދަތުރެއް ހުއްޓާލައިފަ އެވެ.

ސައުތު އައިލެންޑުގެ ގްރޭ ޑިސްޓްރިކްޓާއި ބުލާ ޑިސްޓްކްޓުގައި ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ތޫފާނުގައި ބޯކޮށް ވާރޭ ވެހި އަދި ގަޑިއަކު 150 ކިލޯ މީޓަރު (90 މޭލު) ގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭތީ އާއްމުން ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ތޫފާނުގެ އެންމެ ބާރު ގަދަވެގެން ދާނީ މިރެއާއި މާދަމާ ހެނދުނު،" ކްރައިސްޗާޗުގެ މޭޔަރު ލިއާން ޑެލްޒިއެލް ވިދާޅުވި އެވެ.

ބިންތިރި ހިސާބުތަކުގައި އުޅޭ މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.