16 ޖުލައި 2016 - 00:26

މުހައްމަދު އުމެއިރުގެ ދެ ލަނޑާ އެކު، ވާދަވެރި ޓީސީ ސްޕޯޓްސް 2-1 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން މިރޭ ނަގައިފި އެވެ.

ރެކޯޑް އަގަކަށް މާޒިޔާއާ މި ހަފުތާގައި ގުޅުނު ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ)، މެޗުގެ ކުރިން ހަމަޖެހިފައިނުވާތީ އޭނާ އަށް މިރޭ ނުކުޅެވުނެވެ.
މާޒިޔާ އެއް ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 13 ޕޮއިންޓާ އެކު އޮތް ކްލަބް އީގަލްސް މާދަމާރޭ ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެއްޖެ ނަމަ މާޒިޔާއާ އެއް ޕޮއިންޓަށް އަނެއްކާ ވެސް ކައިރިކުރެވޭނެ އެވެ.
ޔުނައިޓެޑް ވިކްޓަރީ 12 ޕޮޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ޓީސީ އޮތީ 11 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެގާރަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތް ކްލަބް ވެލެންސިއާ މާދަމާ ހަވީރު ބީޖީ ސްޕޯޓްސް އަތުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެ ޓީމަށް ހަތަރު ވަނަ އަށް އެރޭނެ އެވެ.
މިރޭގެ މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އުމެއިރު ވަނީ މާޒިޔާ އަށް ލީޑު ނަގައިދީފަ އެވެ. މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ޓީސީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ކުރިއަށް އެރި ވަގުތު އުމެއިރު ވަނީ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
މާޒިޔާ އިން ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ޓީސީންނެވެ. އެގޮތުން 18 ވަނަ މިނެޓުގައި އެ ޓީމުގެ އަލީ ނާފިއު އަށް އޭރިއާ ތެރެއިން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ނާއިޒް ހަސަން (ދާދު) އޭރިއާ ތެރެއިން ހުސްކޮށް ނާފިއު އަށް ދިން ބޯޅަ އޭނާ އެކަނިމާއެކަނި ހުރެ ގޯލަށް ފޮނުވާލުމުން މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު މަތަކުރި އެވެ.
އޭގެ ހަތަރު މިނެޓު ފަހުން ޓީސީގެ އަލީ ފާސިރު (ސެންޓޭ) އަށް ވެސް މުޅިން ހުސް ފުުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިންނެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި ސެންޓޭ އަށް ހިލޭ ޖެހުމަކުން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެވެ. ހިލޭ ޖެހުމުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލައި އޭނާ ނަތީޖާ ހަމަހަމަކުރި އެވެ.
މާޒިޔާ އިން އަލުން ލީޑު ނެގީ ވެސް ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލަކުންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި އުމެއިރު ފޮނުވާލި ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ދެ ވަނަ ހާފުގައި މާޒިޔާ އަށް ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަތުން މުހިއްމު ދެ ފުރުސަތު ގެއްލުނުއިރު އެންމެ ހުސް ފުރުސަތެއް ލިބުނީ 86 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ އަހުމަދު ނާޝިދު (ނައްޓޭ) އަށެވެ. ކައުންޓާ އެޓޭކެއްގައި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އަރައި މުޅިން ހުސްކޮށް ހުރި ނައްޓޭ އަށް ދިން ބޯޅަ ހިފައިގެން އޭނާ އޭރިއާ ތެރެއަށް ވަދެ ޖެހުމުން ޓީސީގެ ކީޕަރު މަތަކުރި އެވެ.