21 ފެބުރުއަރީ 2018 - 00:02

އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ދޫކޮށްލަން، ދީނީ އިލްމުވެރިންގެ 40 ބޭފުޅަކު ޕެޓިޝަނެއްގައި ސޮއިކުރައްވައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފި އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އިސްވެ ހުންނަވައިގެން ތައްޔާރު ކުރައްވާފައިވާ މި ޕެޓިޝަންގައި ދީނީ އިލްމުވެރިން ވިދާޅުވީ، އިމްރާންގެ މައްޗަަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުން، ޖިނާއީ ދައުވާ އުފުލުމާއި ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމާއި އަދި ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގެ އަސާސީ މިންގަަނޑުތަކާ އަރައިރުން ވާ ކަންކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެ ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި، އިމްރާންގެ މައްޗަށް ހިންގި ޝަރީއަތް ބިނާކޮށްފައި ވަނީ ތުހުމަތު ކުރެވޭ ފަރާތާއި ދިފާއީ ވަކީލުންނާ ވެސް ހިއްސާ ނުކުރެވޭ އިންޓެލިޖެންސް ރިޕޯޓުތަކާއި އަދި ސުވާލު ކުރެވޭނެ އެކަށީގެންވާ ފުރުސަތު ނުލިބޭހެން ސިއްރު ހެއްކެއްގެ މައްޗަށެވެ. އެހެންވެ ޖިނާއީ މައްސަލަތައް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރަން އޮންނަ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް، އިމްރާނުގެ މައްޗަށް ކުށް ސާބިތު ކުރެވިފައިވާ ކަމަށް ގަބޫލު ކުރެވޭނެ ޖާގައެއް ނެތް ކަމަށް ވެސް ބުންޏެވެ.
"މައްސަލަ ސާބިތުކުރުމަށްޓަކައި، ޝެއިހު އިމްރާން ހަމަނުޖެހުމަށް ހިތްވަރު ދެއްވިކަން ހާމަކުރުމަށްޓަކައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުގެ ނުރަނގަޅު ތައުވީލުތައް އުފައްދައިގެން ހުށަހަޅާފައިވާ ހިނދު، ސާފު ސަރީހަ އިބާރާތުން ތަކުރާރުކޮށް ހަމަޖެހުމާއި ސުލްހަވެރިކަމާއި އަމާންކަން ނަގާނުލުމަށް އެތައް ފަހަރެއްގެ މަތީން ގޮވާލާފައިވާ ގޮވާލުމަށް ރިއާޔަތް ކޮށްފައި ނުވުމަކީ އިސްލާމީ ޝަރީއަތުގައި ޝައްކު އެކުލެވިގެންވާ ކަމަކުން ޔަގީން ކުރެވޭ ކަމެއް ނަފީ ނުކުރެވޭނެ ކަމަށް އޮންނަ އުސޫލާ ހިލާފު ކަމެއް ވެސް މެ އެވެ،" މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އިމްރާން މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަންގައި ވެ އެވެ.
އިމްރާނަކީ، ރާއްޖޭގައި އިސްލާމީ ދީން ފެތުރުމަށާއި އެ ދީނުގެ ސައްހަ އަގީދާ ދިވެހިންގެ ތެރޭގައި ކުރިއެރުވުމަށް ނުހަނު ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި އަދި ގައުމުގެ ކަންކަން އިސްލާހު ކުރުމަށާއި ހަމަޖެހުން ގާއިމް ކުރެއްވުމަށް ބޮޑެތި ގުުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވެސް ދީނީ އިލްމުވެރިން ވަނީ ޕެޓިޝަންގައި ފާހަގަކުރައްވައިފަ އެވެ.
އިމްރާން ސިޔާސީ ދާއިރާގައި ހޭދަކުރެއްވި 12 ވަރަކަށް އަހަރު ވެސް ހިންމަތާއެކު މަސައްކަތް ކުރައްވާފައި ވަނީ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވަނީ ހިކުމަތްތެރިކަމާއެކު، އިސްލާމްދީނާއި ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެއްވުމަށްޓަކައި ކަން ވެސް އެބޭފުޅުން ފާހަގަކުރެއްވި އެވެ.
"...ގާނޫނާ ހިލާފަށް މީހުން ހިފާ ހައްޔަރުކުރުމާ ގުޅޭ މައްސަލަތައް ބަލާ އދ. ގެ ވޯކިން ގްރޫޕުން ޝެއިހު އިމްރާން ހައްޔަރުކުރުގައްޔާއި އަދި އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިނގުމުގައްޔާއި އަދި ކުށް ސާބިތު ކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާތީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއާތްތައް ފުރިހަމަ ކުރުމަށް ފަހު ލަސްނުކޮށް ވީ އެންމެ އަވަހަކަށް ޝެއިހު އިމްރާން މިނިވަން ކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ،" ޕެޓިޝަންގައި ވެ އެވެ.
ޕެޓިޝަންގައި ސޮއިކުރެއްވި ދީނީ އިލްމުވެރިންގެ ތެރޭގައި ޑރ. މަޖީދުގެ އިތުރުން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފާއި ޑރ. އަބްދުﷲ ޖަމީލާއި ޑރ. އަހުމަދު ޒާހިރު އަލީ އާއި އިލްޔާސް ހުސެއިނާއި ހަސަން ލަތީފް މޫސާ އަދި އަނާރާ ނައީމް ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.