2018 ގެ ކުރިން ހަގީގީ ވަގުން އެނގޭނެ: މިނިސްޓަރު ސައީދު
2018 ގެ ކުރިން ހަގީގީ ވަގުން އެނގޭނެ: މިނިސްޓަރު ސައީދު

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އާއި އެ ނޫން ވެސް އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަގަށް ގޮވާ އިރު، "ހަގީގީ ވަގު" ހޯދަން މުބާރާތެއް ބާއްވަން ރަނގަޅު ކަމަށާއި 2018 ގެ ކުރިން ހަގީގީ ވަގުން އެނގޭނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ރޭ ފާޑު ވިދާޅުވެއްޖެ އެވެ.

2018 ގެ ކުރިން ހަގީގީ ވަގުން އެނގޭނެ: މިނިސްޓަރު ސައީދު
2018 ގެ ކުރިން ހަގީގީ ވަގުން އެނގޭނެ: މިނިސްޓަރު ސައީދު

އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފުތިތާހު ކުރަން ފޭދޫގައި ބޭއްވި ޖަލްސާ އަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމްދީދީ ވަޑައިގަތުމުން އެކަމަށް ޝުކުރު އަދާކުރައްވައި މިނިސްޓަރު ސައީދު ދެއްކެވި ވާހަކައިގައި ވިދާޅުވީ މި ސަރުކާރަށް ވަގަށް ގޮވަން ތިން އަހަރު ވެރިކަން ކުރި އެމްޑީޕީން ލަދު ވެސް ގަންނަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރީ ވައްކަމަށް މަގުފަހިވާ ގޮތަށެވެ.

"އަޅުގަނޑުމެންނަށް ފާޑުކިޔާ ފަރާތްތަކުން އަޅުގަނޑުމެންނާ ދިމާލަށް ވައްކަމުގެ އިނގިލި ދިއްކުރަމުންދާ އިރު ކޮންމެވެސް ވަރަކަށް ހަގީގީ ވަގު ހޯދުމުގެ މުބާރާތެއް ނަމަވެސް އަޅުގަނޑުމެން އެބަ ޖެހޭ [ބާއްވާލަން]. ހޯދާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ ވަގުގެ ވާހަކަ އަޅުގަނޑުމެންނަށް އިޝާރާތްކޮށް، ވަރަށް ރަނގަޅަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައި ދައްކަން ފެށީމަ އަޅުގަނޑުމެން ހަގީގަތުގައި ވެސް ލަދުގަންނަ ކަމެއް."

ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ގާއިމްކުރި ދަތުރުފަތުރުގެ ނިޒާމަށް ބެލިޔަސް އެއީ "ވައްކަން" އެކުލެވޭ މުއާމަލާތެއް ކަމަށެވެ.

"ރާއްޖޭގެ ހަތް ސަރަހަދެއްގައި ދަތުރުފަތުރުގެ ނިޒާމް ދެމެހެއްޓުމަށްޓަކައި ކޮންމެ ސަރަހަހައްދަކުން ފަނަރަ ހެކްޓަރުގެ ޓޫރިސްޓް ރިސޯޓެއް ހެދުމަށް ކޮންޓްރެކްޓްކޮށްފައި އޮތީ އެމްޑީޕީގެ ސަރުކާރުން. ފަނަރަ ހެކްޓަރު އެއް ރަށުން ހަމަ ނުވަންޏާ ފަސް ހެކްޓަރުގެ ތިން ރަށުން ދަތުރުފަތުރު ހިންގަން އެ ފަރާތްތަކަށް ތިން ރަށް ދީގެން ދަތުރުފަތުރުގެ ނިޒާމްގެ ތެރެއިން ސާދަ ފެރީ ރާއްޖޭގައި ދުއްވުމަށްޓަކައި ސާދަ ރިސޯޓް [ރަށް] ގާތްގަނޑަކަށް ދޫކޮށްފައި އޮތް."

މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި ރަށުގެ ވާހަކަ ދެއްކިޔަސް އެއިން ކޮންމެ ރަށެއްގެ ޖުމްލަ އާމްދަނީ 140 މިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށެވެ.

"އެކެއް ޕޮއިންޓް އަށެއް ބިލިއަން ދިވެހި ރުފިޔާ ނުވަތަ ދިވެހި ރާއްޖޭގެ އާބާދީގެ ކޮންމެ ބޮލަކަށް އަހަރަކު ގާތްގަނޑަކަށް ފަސްހާސް ފަސްސަތޭކަ ދިވެހި ރުފިޔާ ހަރަދުކޮށްގެން ދުއްވީ އެންމެ ސާދަ ފެރީ،" ސައީދު ވިދާޅުވި އެވެ.

"ކޮބައިތޯ މިއަދުގެ ހަގީގަތަކީ؟ މިއަދުގެ ހަގީގަތަކީ ރާއްޖޭގެ ހަތް ސަރަަހައްދުގައި ދިވެހި ސަރުކާރުން ބައި ލާރި ވެސް ނުދީ އިރާދަކުރެވިއްޔާ މި ސިސްޓަމް ކާމިޔާބުކޮށް ނިންމާނީ."

ސައީދު ވިދާޅުވީ "ހަގީގީ ވަގު" ހޯދަން ނިކުންނަ ޖެހެނީ މިފަދަ ނޭދެވޭ މުއާމަލާތްތަކާ ހެދި ކަމަށެވެ.

"މިނިސްޓްރީ އޮފް ފިނޭންސްގައި އެބަހުރި ހަގީގީ ވަގުން އެނގެން. ދެހާސް އަށާރަ އައުމުގެ ކުރިން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހަގީގީ ވަގުންނަކީ ކޮބައިކަން [އެނގެން ޖެހޭ،" އޭނާ ވިދާޅުވި އެވެ. "ހަގީގަތުގައި ވެސް މިކަން އެބަ ޖެހޭ އެނގެން."

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ނަޝީދަށާއި އިނގިރޭސިވިލާތުގައި ތިއްބެވި އިދިކޮޅު ފަރާތްތަކަށް ވެސް މިނިސްޓަރު ސައީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"ސިޔާސީ ވެރިން ކަމަށް ދައުވާކޮށްގެން ބޭރު ގައުމުތަކުގައި ތިބެގެން ސްޓޭޓް ހައުސް އަށް ގޮސްލާފައި ރަނގަޅަަށް ކާލައިގެން ތިބެ ގައުމު ދެކެ ލޯބިވެޔޭ ބުނާ ބުނުމުގެ ތެރެއިން ވެސް މި ގައުމު މި ދަނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް،" މިނިސްޓަރު ވިދާޅުވި އެވެ.