21 ފެބުރުއަރީ 2018 - 06:25

ފިލްމެއްގެ ލަވައެއްގައި އެއް ލޯ މަރައިލި ގޮތަކުން ކުއްލިއަކަށް ބޮޑު މަޝްހޫރު ކަމެއް ލިބުނު އިންޑިއާގެ ޒުވާން ބަތަލާ ޕްރިޔާ ޕްރަކާޝް ވާރިއާ އަށް ވަރަށް ގިނަ ފިލްމްތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.
އަށާރަ އަހަރުގެ ބަތަލާއަކީ މި ވަގުތު ހަމައެކަނި މަލަޔާޅަމް ފިލްމްތަކުގައި މަސައްކަތް ކުރަމުން އަންނަ އަދި ވަރަށް އާ ބަތަލާއެކެވެ. އަންނަ މަހުގެ އެކެއްގައި ރިލީޒް ކުރާ "އޮރޫ އާދާރް ލަވް" ގެ ލަވައެއްގައި އޭނާ ފިރިހެން ކުއްޖަކާ ދިމާއަށް އެއް ލޯ މަރައިލައި ފޮނުވައިލާ ވަރުގަދަ އިޝާރާތުގެ ޖާދޫގައި މުޅި އިންޑިއާ ވެސް ވަނީ ޖެހިފަ އެވެ.
ކުއްލިއަކަށް ލިބުނު ބޮޑު މަޝްހޫރުކަމާ އެކު، އޭނާ އަށް ތާއީދު ކުރާ މީހުންނަށް ޝުކުރު އަދާކޮށް ޕްރިޔާ އިސްޓަގްރާމްގައި "އޮރޫ އާދާރް ލަވް" ގެ ޓީމާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިހާރު ވަރަށް ގިނަ އިސްޑަސްޓްރީތަކުން ފުރުސަތު ލިބެމުން އަންނަ ކަމަށެވެ. އޭނާ އެ އިޝާރާތްކުރީ ހިންދީ ފިލްމްތައް ގެނެސްދޭ ބޮލީވުޑްގެ އިތުރުން، އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި އެކި ބަހުރުވަތަކުން އުފައްދާ ފިލްމްތަކަށެވެ.
އެކަމަކު ގިނަ ހުށަހެޅުންތަކެއް ލިބުނަސް މި އަހަރުގެ އޮގަސްޓް ކުރިން އިތުރު ފިލްމަކަށް ވަގުތު ދެވެން ނެތް ކަމަށް ޕްރިޔާ ބުންޏެވެ. ބޮލީވުޑްގައި ވެސް ޕްރިޔާގެ މަރައިލި ލޮލުގެ ވާހަކަ ވަރަށް މަޝްހޫރުވެފައިވާ އިރު، އެކްޓަރު ރިޝީ ކަޕޫރް ވަނީ ޒުވާން ބަތަލާ އަށް ތައުރީފުކޮށް ޓްވީޓް ވެސްކޮށްފަ އެވެ.
ރިޝީގެ ޓްވީޓްގައި ބުނީ ޕްރިޔާއަކީ ފިލްމީ ދާއިރާ އިން ކުރިއަށް ދެވިދާނެ ވަރަށް އަލިގަދަ ތަރިއަކަށް ވާނެ ކަމަށާއި އޭނާގެ އުމުރުގެ ބަތަލާއިންނަށް ގޮންޖަހައިލާނެ ބަތަލާއަކަށް ވެސް ވެދާނެ ކަމަށެވެ.
އުމުރުން މިހާރު 65 އަހަރުގެ އެކްޓަރުގެ ޓްވީޓްގައި އަދި ވަނީ "އަހަރެންގެ ޒަމާނުގައި ޕްރިޔާ ނައީ ކީއްވެތޯ" ވެސް ސުވާލު އުފައްދައިފަ އެވެ.
ޕްރިޔާ ބުނީ އޭނާ އަށް ލިބުނު ކުއްލި މަޝްހޫރުކަމުގައި "އޮރޫ އާދާރް ލަވް" މުޅި ޓީމް ހިއްސާވާ ކަމަށެވެ. އެހެންވެ ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ. ޕްރިޔާ ބުނި ގޮތުގައި އުމަރު ލޫލޫ ޑައިރެކްޓްކޮށްފައިވާ ފިލްމުން އޭނާ އަށް ކުޅެން އެންމެ ފުރަތަމަ ލިބުނީ ވަރަށް ކުޑަކުޑަ ރޯލެކެވެ. އެކަމަކު ފަހުން ފިލްމްގެ މުހިއްމު ރޯލެއް ކުޅެން ލިބުނީ ކަމަށް ބުންޏެވެ.