21 ފެބުރުއަރީ 2018 - 06:26

"އައްޔާރީ" އަކީ މިއަހަރުގެ އެންމެ މާޔޫސްކުރުވި ފިލްމަށް ވެއްޖެ އެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ރަނގަޅު ތަރުހީބެއް ލިބޭނެކަމަށް އުންމީދުކުރި ނަމަވެސް ފިލްމު ރިލީޒްކުރިތާ ތިން ދުވަސް ތެރޭ ފްލޮޕްވާނެކަން ވަނީ ޔަގީން ވެފަ އެވެ. މިއީ ފިލްމުގެ ބަތަލު ސިދާރްތު މަލްހޯތުރާގެ އެންމެ ނާކާމިޔާބު ފިލްމަށް ވެސް ވަނީ ވެފަ އެވެ.
ޑައިރެކްޓަރު ނީރަޖް ކުރިން އުފެއްދި "އަ ވެނިސްޑޭ"، "ބޭބީ"، "ސްޕެޝަލް 26" އަދި "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަކީ ބެލުންތެރިންގެ ފަރާތުން ތަރުހީބު ލިބުނު ފިލްމުތަކަށް ވެފައިވާއިރު "އައްޔާރީ" އަކީ އޭނާ އުފެއްދި ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ތަރުހީބު ކުޑަ ފިލްމެވެ.
މިހާތަނަށް މި ފިލްމަށް ލިބިފައިވަނީ 11 ކްރޯޑު (110 މިލިއަން ރުޕީސް) އެވެ. މި ފިލްމު އުފައްދާފައިވަނީ ގާތްގަނޑަކަށް 60 ކްރޯޑު (600 މިލިއަން ރުޕީސް)ގެ ބަޖެޓަކުން ކަމަށް ވާތީ ފިލްމުގެ ޚަރަދު ފޫބެދޭނެ ގޮތެއް ވެސް މިހާރު ނެތް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
ސިދާރްތުގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނައިން ލިބިފައިވަނީ "ބްރަދާސް" އަށެވެ. އެ ފިލްމަށް 520 މިލިއަން ރުޕީސް ލިބުނެވެ. "އޭކް ވިލަން" އަށް 500 މިލިއަން ރުޕީސް ލިބިފައިވާއިރު "ސްޓޫޑަންޓް އޮފް ދަ އިޔާ"އަށް ލިބިފައިވަނީ 285 މިލިއަން ރުޕީސް އެވެ.
"ކަޕޫރު އެންޑް ސަންސް" އަށް 263 މިލިއަން ރުޕީސް، "ބާރް ބާރް ދޭކޯ" އަށް 211 މިލިއަން ރުޕީސް، "ހަސީ ތޯ ޕަސީ" އަށް 167 މިލިއަން ރުޕީސް އަދި "އިއްތިފާގު" އަށް 160 މިލިއަން ރުޕީސް ލިބިފައިވާއިރު "ދަ ޖެންޓްލްމޭން" އަށް ލިބިފައިވަނީ 131 މިލިއަން ރުޕީސް އެވެ. "އައްޔާރީ" އަށް މިހާތަނަށް ލިބިފައިވަނީ 117 މިލިއަން ރުޕީސް އެވެ.
ފަހަކަށް އައިސް ނުކުތް ސިދާރްތުގެ ހުރިހާ ފިލްމެއް ފްލޮޕްވެފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.