24 ފެބުރުއަރީ 2018 - 07:29

ދީޕިކާ ޕަދުކޯން ލައްވާ މިހާތަނަށް ތިން ފިލްމެއްގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ވަނީ މަސައްކަތް ކުރުވައިފަ އެވެ. ނަމަވެސް އެވަރުން ވެސް ބާންސާލީގެ ހިތެއް ނުފުރުނެވެ. އޭނާ ބުނާ ގޮތުގައި އަދިވެސް އިތުރު ފިލްމުތައް ދީޕިކާ ލައްވާ ކުޅުވަން އޭނާ ބޭނުމެވެ.
ދީޕިކާގެ ހުރިނަމަ ހުރި ހުނަރެއް ބާންސާލީ ވަނީ އޭނާގެ "ގޯލިޔޯންކީ ރާސްލީލާ: ރާމް-ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އަދި "ޕަދްމާވަތު"ގައި ދައްކާދީފައިކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ބާންސާލީ ބުނަނީ އަދިވެސް މިއަށް ވުރެ މާ މޮޅަށް ދީޕިކާގެ ހުނަރުތައް ދެއްކިދާނެ ކަމަށެވެ.
ބާންސާލީ ބުނި ގޮތުގައި ދީޕިކާ އަކީ މިހާތަނަށް އޭނާ ފިލްމު ކުޅުވި އާޓިސްޓުންގެ ތެރެއިން އެންމެ ކުޅަދާނަ އެއް އާޓިސްޓެވެ.
އެންމެ ފަހަރަކުވެސް އޯވަ އެކްޓިން ނުކޮށް ކޮންމެ މަންޒަރެއް ވެސް ވަރަށް ފުރިހަމައަށް ދީޕިކާ ކުޅެލާ ކަމަށް ބާންސާލީ ބުންޏެވެ. ޚާއްސަކޮށް "ޕަދްމާވަތު"ގެ އެންމެ ފަހު މަންޒަރުތަކުގެ ކުރިން ދީޕިކާ ދައްކާ ވާހަކަކޮޅު ބާންސާލީ ފާހަގަކުރި އެވެ.
އެ މަންޒަރު ވަރަށް މޮޅު ކަމަށް ބުނަމުން އޭނާ އެ މަންޒަރާ ހިތްހަމަޖެހުނުލެއް ބޮޑުކަމުން ޝޫޓިން ނިމުމާއެކު 500 ރުޕީސްގެ ނޫޓެއް ދީޕިކާ އަށް ހަދިޔާ ކުރި ކަމަށް ބާންސާލީ ބުންޏެވެ. އެއީ އޭނާގެ މޮޅުކަމުން ހަނދާނަކަށް ދިން އެއްޗެއް ކަމަށާއި މި ފިލްމު ކުޅުމަށް ދީޕިކާ އަށް ދިން ފީ އަށް ވުރެ އެ 500 ރުޕީސްގެ އަގު ދީޕިކާ އަށް މާ ބޮޑުވި ކަމަށް ބާންސާލީ ބުންޏެވެ.
ކުރީގެ މަޝްހޫރު ތިން ބަތަލާއެއްގެ އަސަރުތައް ދީޕިކާގެ ކިބައިން ބާންސާލީ އަށް ފެނެ އެވެ.
"ބައެއް އެންގަލްތަކުން އަހަންނަށް އޭނާ ވިޖެޔަންތިމާލާއާ ވަރަށް ވައްތަރުވޭ. ބައެއް ފަހަރަށް ހެމާ މަތިން ހަނދާންވާ ކަހަލަ ގޮތެއް ހުރޭ. ގޫމަރް ލަވައިގައި އޭނާ ނެށި ނެށުމުން އަހަރެންނަށް ވަހީދާ ރަހްމާންގެ ހަނދާންތައް އާވި،" ބާންސާލީ ބުންޏެވެ.
ބާންސާލީ މިގޮތަށް ވާހަކަ ދައްކާފައި މިވަނީ ދީޕިކާ އާއި ރަންވީރު ސިންގް އާއެކު ބާންސާލީ ތިން ފިލްމެއްގެ އެެއްބަސްވުމެއްގައި ސޮއިކުރުވަން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ފެތުރެމުން އަންނަ ދަނޑިވަޅެއްގަ އެވެ.