21 ފެބުރުއަރީ 2018 - 06:30

ޑޮކްޓަރުން ބިރުވެރި ޚަބަރެއް ދީފާނެތީ ބިރުން، އިނގިރޭސި ވިލާތުގެ ތިންބައިކުޅަ ދެ ބައި މީހުން ޑޮކްޓަރަށް ނުދައްކާ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.
ބޮޑެތި މީހުންގެ 2،400 މީހުންގެ މެދުގައި ކުރި މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 61 ޕަސެންޓް މީހުން ބައްޔެއްގެ އަލާމާތްތައް ފެނުނަސް ސީރިއަސް ބައްޔަކަށް ވެދާނެކަމަށް ހީކޮށް ބިރުން ޑޮކްޓަރަކަށް ނުދައްކަ އެވެ. އަދި މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޑޮކްޓަރީ ފަރުވާ ހޯދަން ޖެހިލުންވަނީ އެމީހުންގެ ސީރިއަސް ބައްޔެއް ހުރެއްޖެ ނަމަ އެކަމުގެ ސަބަބުން އާއިލާއަށް ދިމާވެދާނެ މައްސަލަތަކާ މެދު އޮންނަ ކަންބޮޑުވުމެއްގެ ސަބަބުންނެވެ.
މިކަން ހާމަވީ "ފިއާ އޮފް ފައިންޑިން އައުޓް" (ފޯފޯ) ކިޔާ ނަފްސާނީ ބިރުގަތުމެއް ބޮޑެތި މީހުންގެ ކިބައިގައި ހުންނަ މިންވަރު ދެނެގަތުމަށް ހެދި ސޭވާއަކުންނެވެ.
މި ހޯދުމުގެ ނަތީޖާއަށް ބަލާ "ކްރަޝް ޔުއަ ފޯފޯ" ކިޔާ އޮންލައިންކޮށް ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދޭނެ ގޮތެއް މިހާރު އިނގިރޭސި ވިލާތުގައި ވަނީ ގާއިމުކޮށްފަ އެވެ.
މާކް މެކްގޮވާން، 47، އަކީ ހިތުގައި މިފަދަ ބިރުވެރިކަމެއް އޮތުމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން ނުކެރިފައި ހުރި މީހެކެވެ. އޭނާގެ ވާހަކަ ހިއްސާ ކުރަމުން މާކް ބުނި ގޮތުގައި ސިއްހީ މައްސަލަތަކެއްގެ އަލާމާތްތައް ފެންނަމުންދާތާ ގިނަ ދުވަސްތަކެއް ވީއިރުވެސް އޭނާ އަޅާނުލާ ހުރީ އެވެ. ނަމަވެސް އެކަމުގެ ހިތާމަ މިހާރު އޭނާ ކުރެ އެވެ. އޭނާއަށް ޖެހިފައިވާ ބަލި ދުރާލައި އެނގުނު ނަމަ އެ ބަލި ކޮންޓްރޯލްކުރަން އޭނާއަށް އެނގުނީސް ކަމަށް މާކް ބުންޏެވެ.
ތިން ކުދިންގެ ބައްޕަ މާކަށް ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށީ 2011 ގައެވެ. މާގިނައިން ކުޑަކަމުދެވި ކަރުހިއްކާ ގަޔަށް ކަށިތަކެއް ހެރޭހެން ހީވެ އަދި ވަރުބަލިވުން ކަހަލަ މައްސަލަ ތަކެކެވެ. ނަމަވެސް އާއިލާއެއް ބަލަހައްޓަންޖެހޭ މީހަކަށް ވާތީ އަޅާނުލައި އޭނާ އުޅެމުން ދިޔައީ އުމުރުން ދުވަސްވާތީ ފެންނަ އަލާމާތްތަކެއް ކަމަށް ހީކޮށްގެންނެވެ. މިގޮތަށް ފަސް ވަރަކަށް އަހަރު ހޭދަކުރި ފަހުން 2016 ގައި މާކްގެ ސިއްހަތު އިތުރަށް ގޯސްވާން ފެށި އެވެ. އަދި މިނީ ސްޓްރޯކެއް ޖެހުމަށްފަހު ވަރުގަދަ ސްޓްރޯކެއް ޖެހުނެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތައް ހެދުމުން، ހަކުރުބަލި ޖެހިފައި ހުންނަތާ އެތައް އަހަރެއް ވެއްޖެކަން އެނގުނެވެ. އަދި ސްޓްރޯކް ޖެހެން މެދުވެރިވީ ހަކުރުބަލި ކޮންޓްރޯލް ނުވެ ހުރުމުގެ ސަބަބުން ކަން ވެސް އެނގުނެވެ.
ސްޓްރޯކް ފައުންޑޭޝަނުން ބުނާ ގޮތުން ހަކުރުބަލި ކޮންޓްރޯލް ނުވެ ހުރެއްޖެ ނަމަ ބަލި ޖެހޭތާ ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސްޓްރޯކްގެ ނުރައްކާ ދެ ގުނަ އަށް އިތުރުވެ އެވެ.